އިންޑިއާ ސަރުކާރުން 2016 ވަނަ އަހަރު ރާއްޖެއަށް ދޭން ނިންމި އެޑްވާންސް ލައިޓް ހެލިކޮޕްޓަރު (އޭއެލްއެޗް)ގެ ފުރިހަމަ ނަންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިއަދު އެ ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ 2015 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހެލިކޮޕްޓަރެއްގެ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރުގެ ވާހަކަ އަކީ ރައީސް ޔާމީނަށް އާ ވާހަކަ ތަކެއް ކަމަށާއި ޑޯނިއާ ރާއްޖެއާ ހިސާބަށް އައިސްފައި ވަނީ ހެލިކޮޕްޓަރަކުން ފެށުނު ވާހަކަ ތަކަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، ރާއްޖެ ގެނައި ޑޯނިއާގެ މަޝްވަރާ ތަކަކީ އެންމެ ފުރަތަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުކާރުގައި މަޝްވަރާ ކުރެވިފައިވާ ކަމެއް ކަމަށާއި ނަމަވެސް ފަހުން އެ ވާހަކަތައް ތިލަވެގެން އައިސް، ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ކަމަށެވެ.

ޑޯނިއާއެއްގެ ވާހަކަ ދައްކާ ކަމަށް ވަންޏާ ފަށަން ޖެހޭނީ ހެލިކޮޕްޓަރަކުން، އޭއެލްއެޗް، އިންޑިއާއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅެއްގަ އަޅުގަނޑު ބައިވެރިވީން. އެ ދަތުރުގަ ރައީސް ޔާމީން ގާތު އިންޑިއާއިން އެކަމާ ހަވާލުވެ ހުރި ބޭފުޅާ އެއްސެނީ 2 ވަނަ އޭއެލްއެޗްގެ ކަންތައް އޮތީ ކިހިނެތް ތޯއެވެ. ހުދު ރައީސްަށް ވެސް އެއީ އެހާ ފަރިތަފުޅު އަކުރުތަކަކަށް ނުވި. ސަމާސާ ރާގަކަށް އަޅުގަނޑާ ދިމާލަށަް އެނބުރިލާފަ ވިދާޅުވީ ތިމަންނަ އަޑުއަހަމޭ، އެޗްއައިވީގެ ވާހަކަ، އެމްއާރްއައިގެ ވާހަކަ، މިވެސް ބައްޔެއްހޭ، ނުވަތަ ސިއްހީ އާލާތެއްހޭ މިއީ، އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި އެއީ އެޓޭކް ލައިޓް ހެލިކޮޕްޓާ، ރާއްޖެ މި ގެނައި ބާވަތުގެ ހެލިކޮޕްޓަރަށް ކިޔައީ އެހެން
ހުސެއިން ސަރީފް

އެގޮތުން އެ އެެއްބަސްވުމުގައި ވަނީ 2 ހެލިކޮޕްޓަރެއްގެ ވާހަކަ ކަމަށާއި ނަމަވެސް އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން އެއިން ދިވެހި ރައްޔިތުންނަށް ފައިދާއެއް ނުކުރާބެ ކަމަށް ރައީސް ޔާމީނަށް ގަބޫލުފުޅު ކުރެވުމުންނާއި އިންޑިއާ ސަރުކާރުން އެމީހުންގެ ޕައިލެޓުންނާއި އިންޑިއާގެ ދިދަ ޖަހައިގެން ދުއްވަން ޝަރުތު ކޮށްފައި ވުމުން އެކަމަށް އެއްބަސްވެ ވަޑައިނުގެންނެވީ ކަމަށް މުންދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން، އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށް ބުނެފައި ވާއިރު، އިއްޔެ ޑޯނިއާ މަތިންދާބޯޓު ރާއްޖެ އައުމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ "2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ" ބޯޓު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ގެނައި ޑޯނިއާ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ގަވާއިދާ ހިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިސާތަކަށް ރިއެކްޓް ކުރުމުގައި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ގާބިލްކަން މިހާރަށް ވުރެ އިތުރުވެގެން ދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ހަރަކާތްތެރިވާ ގޮތަށެވެ.