ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދޭން ނިންމި ފަސް ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯން އެހީ ޖަޕާނުން ރާއްޖެއަށް ހަވާލުކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީއެވެ.

ލޯން އެހީ ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއެކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް 0.01 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެކެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.