އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަަހެޔޮ ހިތަކާއެކު ކަމަށް ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، މިނިސްޓާ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ހިތުގެ ދުވަހުގެ ތަހުނިޔާގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އަޒުމް ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން ކަމަށާއި، ހިތުގެ ވިންދު ޖެހުން ދުޅާހެޔޮކޮށް ބަހައްޓަން ކަމަށެވެ. އަދި އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަަހެޔޮ ހިތަކާއެކު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މުޅި ދުނިޔެވެސް ހޭދަކުރަމުން މިދަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށާއި، ކޮވިޑް-19އާ އެކު އެންމެންވެސް މިގެންދަނީ ހިތާމަތަކާ ކުރިމަތިލަމުން ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ކަސްރަތު ކުރުމާއި، ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި، ހިތް ހަމަ ޖެހުން ލިބިގަންނަން ޖެހޭ ކަމަށެވެ.

ހިތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާ ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއް މުހިންމު ކަމަށެވެ. އަދި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކަސްރަތު ކުރަންޖެހޭކަން ފާހަގަ ކުރައްވާ އޭނާ ވަނީ އޮފީސް މާހައުލުގައި ކަސްރަތު ކުރެވޭނެ ގޮތް ކިޔައިދެއްވާފައެވެ.

ސާމިޔާ ވިދާޅުވީ އޮފީސް މާހައުލުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވާއިރު، ކޮންމެ 30 މިނިޓަކުން ގޮނޑިން ތެދުވެލާފަ، އަތްމައްޗަށް ހިއްލާލާފަ، ހަށިގަނޑު ސްޓްރެޗް ކުރުން ނުވަތަ ހަށިގަނޑު ދަމާލުން މިއީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަކު އަނެކެއްގެ ހާލާއަހުވާލު ބަލާ، ގުޅުން ބަދަހި ކުރުން ވެސް މުހިންމު ކަމަށާއި، މިއީ ހައްތާހާވެސް ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ހިތުގެ ދުވަހުގެ ތަހުނިޔާ ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މިއަދު ފާހަގަ ކުރަމުން މިދާ ހިތުގެ ދުވަހު، ހަރަކާތްތެރިކަމާއެކު، ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ދިރިއުޅުމުގެ ވައްޓަފާޅި އެކުލަވާލުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ލަސްކޮށް، ކަންބޮޑުވުމާއި ހާސްކަން ކޮންމެ ދުވަހަކު އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ ހިތުގެ ބޭނުންކޮށްގެން، ކޮވިޑްގެ ތޫފާން ބަލި ކުރުމަށް ވެސް ބާރުއަޅުއްވާފައެވެ.

ހިތުގެ ބޭނުން ކުރެއްވުމަށް ރައީސް ސޯލިހް އިލްތިމާސް ކުރައްވާފައި ވަނީ، އެއީ މިއަދުގެ ޝިއާރެއް ކަމުގައި ވޯލްޑް ހާޓް ފެޑަރޭޝަނުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަށް ވީތީއެވެ. "ޔޫޒް ހާޓް"، މި ޝިއާރުން ބާރު އަޅަނީ، ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ހިތް ބޭނުން ކުރުމަށާ، މުޖުތަމައުއާއި، ލޯބިވާ މީހުންނާއި އަމިއްލަ ނަފްސަށްޓަކައި "ހިތް ބޭނުން" ކުރުމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ.