ބ. އޭދަފުށީގައި ހޯމް ކަރަންޓީނު ވެގެން ތިބި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހާ މިހާރުވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އެއީ ބިދޭސީއެއް ކަމަށްވެސް ޒައިދު މައުލޫމާތު ދެއްވައެެވެ.

އޭނާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ ހޯމް ކަރަންޓީންގެ 14 ދުވަަސް ހަމަ ކުރުމަށް ފަހު ނެގި ސާމަޕަލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،157 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 103 މީހުންނާ އެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 8950 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 82 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 612 މީހުންނެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 22 ރަށަކާއި 23 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 11 ޓޫރިސްޓަކާއި 24 ސްޓާފުންނެވެ. ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 38 މީހުންނެވެ. އެއީ 33 ދިވެހިންނާއި 5 ބިދޭސީންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ހޯރަފުށި، ހދ. ހިރިމަރަދޫ އާއި ކުޅުދުއްފުށި، ށ. އަތޮޅުން ކަނޑިތީމާއި މަރޮށި، ރ. އަތޮޅުން އުނގޫފާރު، ބ. އަތޮޅު ދަރަވަންދޫ، ކ. އަތޮޅުން ދިއްފުށި އާއި ގުރައިދޫ، އއ. އަތޮޅުން ތޮއްޑޫ އާއި މާޅޮސް، އދ. އަތޮޅުން މާމިގިލިއާއި ކުނބުރުދޫ، ދ. އަތޮޅުން ކުޑަހުވަދޫ، ތ. އަތޮޅުން މަޑިފުށި، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ތިނަދޫއާއި ގައްދޫއާއި ހޯޑެއްދޫއާއި، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫއާއި ހދ. ކުޅުދުއްފުއްޓާއި ނޮލީވަރަމް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެ ފެސިލިޓީގައި 8 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.