ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު 29 ވަނަ ދުވަހަކީ، ތަފާތު ޝިއާރަކާއެކު ބައިނަލްއަގްވާމީ ފެންވަރުގައި ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ކޮންމެ އަހަރަކުމެ ހިތުގެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެތައް ނަސޭހަތްތަކަކުން ސޯޝަލް މީޑިއާ ފުރާލާ ދުވަހެވެ. ހިތުގެ ބަލި ޖެހޭ ސަބަބުތަކާއެކު، ތަފާސްހިސާބުތައް އާންމުންގެ ތެރެއަށް ދޫވެދާ ދުވަހެވެ. މިއަހަރުގެ ވެސް ހިތުގެ ދުވަސް މި ފާހަގަ ކުރަނީ ހަމަ އެހެންނެވެ.

ފޮތުގައި ލިޔެވިފައިވާ ގޮތުން ނުވަތަ އާންމު މައުލޫމާތެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ ގޮތުގައި ހިތުގެ ބަލިތައް ގިނައީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާ، ރާއްޖޭގެ ސިއްހީ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ރާއްޖޭގެ ޒުވާނުންގެ މެދުގައި ހިތުގެ ބަލިތައް ގިނައެވެ. އެގޮތުން އައިޖީއެމްއެޗް ކާޑިއޮލޮޖީ ސެންޓަރުގެ ޑރ. މިގްދާދް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހާލަތަށް ބަލާލުމުން، ޒުވާނުންގެ ތެރެއިން ވިހީގެ އަހަރުތަކުގެ މީހުންގެ މެދުގައި ހިތުގެ ބަލިތައް ގިނައިން ތިރީހުގެ އަހަރުތަކުގެ މީހުންގެ މެދުގައި ހިތުގެ ބަލިތައް މިވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ.

ޒުވާނުންގެ މެދުގައި ހިތުގެ ބަލިތައް އާންމު ކަމަކަށް ވުމުގެ ސަބަބުތަކަކީ ހަމަ ވަރަށް އާންމު ކުދި ކުދި ކަންކަމެވެ. ޑރ. މިގްދާދް ފާހަގަ ކުރެއްވި ފަދައިން ކަސްރަތު ނުކުރެވުމާއި، ކެއުމަށް ނުބެލުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކުދި ކުދި އާންމު ކަންކަން ކަމަށް ބެލެވޭ ކަންކަމެވެ. ޑރ. މިގްދާދް ވިދާޅުވީ ދިވެހިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއެކު، ސްޓްރެސްފުލް ލައިފްސްޓައިލެއް ގެންގުޅުމަކީ ވަރަށް އާންމުވެފައިވާ، ވަރަށް ކޮމްބިނޭޝަން ގޯސް، ނުރައްކާތެރި ކަމެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް "ނޯމަލް" ކަމަކަށް ވެފައިވާ ކަމެކެވެ. "ކޫލް" ކަމެކެވެ. ނަމަވެސް މިއީ ހިތުގެ ބަލި ތަކަށް މަގު ހުޅުވިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ. ސިނގިރެޓް ބުއިމަކީ ގިނަ ޒުވާނުންގެ ކަށީގައި ހަރުލާފައިވާ އާދައަކަށް މިވަނީ ވެފައެވެ.

ޒުވާނުންތަކެއް ދުންފަތުގެ އިސްތިއުމާލު ކުރަނީ
އެބަހުރި ބައެއް ޕޭޝަންޓުން ކައިރީގަ ސިނގިރެޓް ބުއިން ހުއްޓާލާށޭ ބުނީމަ، އެވަގުތުން ވަގުތަށް އެއްކޮށް ހުއްޓާލާފަ ތިބި ޕޭޝަންޓުން ވެސް. ވަރަށް ގިނައިން އެބަތިބި
ޑރ. މިގްދާދް

ޑރ. މިގްދާދް ވިދާޅުވީ، އާދަވެފައިވީ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުމުގެ ނިޔަތެއް އޮތް މީހަކު ވެއްޖިއްޖާ އެކަން ކުރެވޭނެ ކަމަށެވެ. އަދި ހާޓް އެޓޭކް ޖެހިގެން އަންނަ ބަލި މީހުންގެ ކިބައިން އެކަން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމިއްލައަށް ނުހުއްޓޭ މީހުންނަށް ހާއްސަކޮށް "ސްޓޮޕް ސްމޯކިން ކްލިނިކް"ތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށް ޑރ. މިގްދާދް ވިދާޅުވިއެވެ. އައިޖީއެމްއެޗުގައި އަދި ދަމަނަވެށީގައި ވެސް ހުންނަ މި ކްލިނިކްތަކުން ދުންފަތާ ދުރުވުމަށް އެހީވެދެއެވެ.

ސިނގިރެޓް ބުއިމަކީ ބްރިޖްމަތީގައި ހެލްމެޓް ނާޅާ ދުއްވުން ކަހަލަ ކަމެއް، ސިނގިރެޓް ބޯ ކޮންމެ ދުވަހަކު ހާޓް އެޓޭކްއެއް ނުޖެހޭނެ. ހަމައެފަދައިން ހެލްމެޓް ނާޅާ ދުއްވާ ކޮންމެ ދުވަހަކު އެކްސިޑެންޓްވެ ބޯ ފަޅައިގެން ވެސް ނުދާނެ. ނަމަވެސް ހާޓް އެޓޭކް ޖެހޭ ދުވަހު ނުވަތަ އެކްސިޑެންޓްވާ ދުވަހު ލިބޭވީ ވަރަށް ބޮޑު ގެއްލުމެއް.
ޑރ. މިގްދާދް

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުމާ ބެހޭގޮތުން ގިނަ މީހުންގެ އުފެދޭ އެއް ސުވާލަކީ، ހުއްޓޭނީ އެއްފަހަރާ ހުއްޓާލުންތޯ ނުވަތަ މަދު ކުރަމުން ގޮސް ހުއްޓާލުންތޯއެވެ. ދިރާސާތަކުގެ އަލީގައި ޑރ. މިގްދާދް ވިދާޅުވީ، ސިނގިރެޓް ބުއިމާ އެންމެ އެފެކްޓިްވ ގޮތެއްގައި ދުރުވެވޭނީ ވަކި ތާރީހެއް ކަނޑައަޅާ، އެއްފަހަރާ ހުއްޓާލައިގެން ކަމަށެވެ. އަދި މިފަދަ ކަމެއް ކުރާއިރު، ރައްޓެހިންނާއި އާއިލީ މީހުންނާ އެވާހަކަ ހިއްސާކޮށް، އެމީހުންގެ އެއްބާރުލުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް ޑރ. މިގްދާދް ފާހަގަ ކުރެއްވިއެވެ.

ކަސްރަތު ނުކުރެވުން

ކޮންމެ މީހަކު ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގައި އުޅެނީ ވަރަށް ބުރަކޮށެވެ. އެގޮތުން ގިނަ މީހުންނަށް ކަސްރަތު ކުރުމަށް ވަގުތު ނުވާއިރު، ބުރަކޮށް މަސައްކަތުގައި އުޅޭއިރު ހުންނާނީ ކަސްރަތު ވެފައި ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ކަސްރަތު ކުރުމަކީ މުޅިން ތަފާތު ކަމެއް ކަމަށް ޑރ. މިގްދާދް ވެސް ފާހަގަ ކުރައްވައެވެ.

ކުޑަކުއްޖަކާއެކު ގޭގައި ކަސްރަތު ކުރަނީ
ކަސްރަތު ކުރުމަކީ ހަމައެކަނި ދުވުމެއް ނޫން. ގޭގަވެސް ކަސްރަތު ކުރެވިދާނެ. ުޅިއަށް ފެން އަޅައިގެން ވެއިޓް އެކްސަސައިޒްވެސް ކުރެވިދާނެ
ޑރ. މިގްދާދް

އޭނާ ވިދާޅުވީ ކަސްރަތު ކުރާއިރު، ހާޓް ރޭޓް މައްޗަށް އަރާފަ ވަކި ވަގުތެއް ވަންދެން ހުންނާނެ ކަމަށާއި، ނަމަވެސް އާންމުކޮށް މަސައްކަތުގަ އުޅޭއިރު، ހާޓްބީޓް މަތިވީމަ ކުޑަކޮށް މަޑުކޮށްލާ އަރާމުކޮށްލެވޭނެ ކަމަށެވެ. އެހެންކަމުން އެއީ ކަސްރަތު ކުރުން ކަމަށް ބަލައިނުގަނެވޭނެ ކަމަށް ޑރ. މިގްދާދް ވިދާޅުވިއެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތެއް ކަމަށް ޑރ ފާހަގަ ކުރެއްވީ، ކިތަންމެ ބުރަކޮށް އުޅުނު ކަމުގައިވީ ނަމަވެސް ކަސްރަތު ކުރުމެވެ. އަދި ކަސްރަތު ކުރުމަކީ ހަމައެކަނި ދުވަން ދިއުން ނޫން ކަމަށާއި، ގޭގަވެސް ކަސްރަތު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާއާ ދުރުވުން

ސިއްހަތަށް ފައިދާ ހުރި ކާނާއަކީ ކޮބާތޯ ބަލާ، އެފަދަ ތަކެތި ހޯދައިގެން ކެއުމަކީ ދިވެހިންގެ މެދުގައި ވަރަށް ތަދު ކަމެކެވެ. ތަރުކާރީއާ މޭވާއާ ދުރުބައެކެވެ. ފަސޭހައަކަށް ނަމަވެސް، އާންމުކޮށް ކައި އުޅެވެނީ، ތެލުލި ތަކެއްޗާއި، ބަންދުކުރި ކާނާ އަދި ފާސްޓް ފުޑް ފަދަ ތަކެއްޗެވެ.

ސިއްހަތަށް ގެއްލުން ހުރި ކާނާ

ސިއްހަތަށް އެންމެ ރަނގަޅު ގޮތަކަށް ޑައިޓް ބެލެހެއްޓުމުގައި އިސްކަން ދޭންވީ ތަރުކާރީއާއި މޭވާ ފަދަ ތަކެތި ކެއުން ކަމަށް ޑރ. މިގްދާދް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބްލަޑްޕްރެޝާ މައްޗަށް ނުދިޔަ ނަމަވެސް ލޮނު ވީ ވަރަކުން މަދުކޮށް ކެއުމަކީ މުހިންމު ކަމެއް ކަމަށާއި، ހަކުރު ބަލި ނެތަސް، ވީ ވަރަކުން ހަކުރު ބޭނުން ކުރުން މަދު ކުރުން ރަނގަޅު ކަމަށެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާ

ހަމައެއާއެކު، ބޮޑީ ވެއިޓް ހިފެހެއްޓޭނެ ހެން ކެއުން ބައްޓާން ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޑރ. މިގްދާދް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގައި މަދު ބަޔަކަށް ނޫނީ އެއްގޮތަކަށް ވެސް ނުކުރެވޭ ކަމެއް ކަމަށެވެ.

ލޭ ހޮޅިއެއް ބެދި، އެކަން ނޭނގި ވެސް ހުރެދާނެ ކަން އިނގޭތަ؟

ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މިގްދާދް ވިދާޅުވީ ހިތުގެ ބައްޔެއް ޖެހުނަސް އެކަން ނޭނގި، އެކަމުގެ އުނދަގޫ ނުވެ ހުރެދާނެ ކަމަށެވެ. އެގޮތުން ލޭ ހޮޅިން ސަޕްލައި ކުރާ މަސްކޮޅަށް ފުދޭ ވަރަށް ކާނާ ލިބޭނަމަ، ހިތުގެ ބައްޔެއް ހުއްޓަސް، ލޭ ހޮޅިތައް ބެދުނަސް އެކަމުގެ އުނދަގޫ ނުވެ ހުރެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތުގެ ބަލި ރަމްޒުކޮށްދޭ ފޮޓޯއެއް
ބައެއް ފަހަރު އެބަ އާދޭ އެތައް ދުވަހެއް ވަންދެން ހޮޅި ބެދިފަ އިންނަ ޕޭޝަންޓުން އަދި އެއްހޮޅި ބެދި، އަނެއް ހޮޅި ބެދެން ފަށާފަ އިންނަ ތަން ވެސްއެބަ ފެނޭ
ޑރ. މިގްދާދް

ޑރ. މިގްދާދް ވިދާޅުވީ، ބައެއް ފަހަރު އަންނަ ޕޭޝަންޓުންގެ ލޭ ހޮޅި ބެދި، އެތައް ދުވަހެއް ވާއިރުވެސް އެކަމުގެ އުނދަގޫ ނުވެ ހުންނަ ކަމަށެވެ. އަދި އެއްހޮޅި ބެދި، އަނެއް ހޮޅި ބެދެން ފަށާފަ އިންނައިރު ވެސް އުނދަގޫ ނުވެ ހުރެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަސްރަތު ކުރާ މީހެއް ކަމަށް ވާނަމަ އެކަމުގެ އުނދަގޫ ވާނެ ކަމަށާއި، ނަމަވެސް ގިނަ މީހުންނަށް ކަސްރަތު ނުކުރެވޭތީ ހިތަށް ގިނަ ކާނާ ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ކުދިކުދި ހޮޅިތައް ބެދިފަ އިންނަ އިރު ވެސް ނޭނގޭ ކަމަށެވެ.