އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އާސަންދަ' ގެނަމުގައި މިއަދު ތައާރަފްކޮށްފައިވާ އެ އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އާސަންދައިން ބުނީ އެ އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށް ކަމަށެވެ.

އާސަންދައިން ބުނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ އެޕްގައި ރަޖިސްޓާ ކުރެވޭނެ ކަމަށާއި އެޕް ޑައުންލޯޑްކޮށް ރެޖިސްޓާވުމުން، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އާ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު އެޕުން ފެންނަން ހުންނާނެ ކަމަށެވެ.

ޑޮކްޓަރުން ލިޔެ، ދޭ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާ އަދި، ނުހޯދާ ހިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީހުކުރާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެ އެޕް ތައާރަފްކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިއުން ކަމަށާއި މިވަގުތު ތައާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް އެއް ނަމަވެސް ކައިރި މުސްތަގުބަލެއްގައި އައިއޯއެސް އެއް ވެސް ތައާރަފްކުރެވޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިން ބުނީ އެ އެޕްލިކޭޝަންގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ، އާސަންދަ ސްކީމްގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނަން ހުރުމުންކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށާއި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އާސަންދަ އެޕުންފެންނަން ނުހުންނާނެ ކަމަށެވެ.

ނަމަވެސް، އަވަސް މުސްތަޤުހުބަލެއްގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތު މީހާ ހޯދާ ހުރިހާ ހިދުމަތެއްގެ ތަފްސީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.