ނިމިގެން މިދިޔަ ހަފުތާއަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން، ސައުދީ އަރަބިއްޔާގެ ސިޔާސީ މައިދާނަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ހުއްޓުވާލި ހަފުތާއެކެވެ.
ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުޢަޒީޒު އަލް ސައުދު، އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވާ، ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ސައުދީގެ ފިކުރު ތަސްވީރު ކޮށްދެއްވުމާ، ސައުދީގެ ޝާހީ ސަރުކާރާ ދެކޮޅަށް ސީދާ ގޮތުން ސިޔާސީ ހަރަކާތް ހިނގަން ފެށީވެސް ނިމިދި ހަފުތާގެ ތެރޭގައެވެ.
ސައުދީ އަރަބިއްޔާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ ބާރަށް ވާއިރު، ބައިނަލްއަގުވާމީ މަސްރަހުގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކެއްގައި ސައުދީ ހިޔާރު ގޮތެއްގެ މައްޗަށް ގިނަ ކަންތައްތަކެއް ބަރޯސާވެއެވެ.
މެދުއިރުމަތީގެ ސުލްހަ
އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަކީ، ފަލަސްތީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބެނީސް ކުރެވެން ނެތް ކަމެއްކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވަމުން ގެންދެވި ނަމަވެސް، ޔަހޫދީންނާ މެދު ސައުދީގެ އާންމުން ދެކެމުން އަންނަ ގޮތް ބަދަލު ކުރުމަށް އެންމެ ކުރީ ސަފުގައި ހުންނެވި ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ކަން ފާހަގަކުރަންޖެހެއެވެ.
ފަލަސްތީނުގެ ބިންތައް ފޭރެމުންދާ ޚުދުމުޚުތާރު ޔަހޫދީ އިސްރާއީލަށް ޑިޕްލޮމެޓިކް އިމުގެ ތެރެއިން ދޯސްތުގެ ދަރަޖަ ދިނުމުގައި އަރަބި ގަލްފުގެ ގައުމުތައް އަވަދި ނެތި އުޅޭއިރު، އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމާ ގުޅުން ހުރި ކަންކަމަކީ ސަލްމާން ރަސްގެފާނު އެންމެ ގާތުން ބައްލަވަމުން ގެންދަވާ އެއް މައްސަލައެވެ. އެމެރިކާ އިސްވެ އޮވެ، އިސްރާއީލުގެ އެކުވެރިންގެ ލިސްޓު ދިގު ކުރަމުން ދާއިރު މިކަމުގައި ސައުދީއިން ނިންމި ގޮތެއް އަދިވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސުލްހައިގެ ނަމުގައި ހުރިހާ މޮޅެއް އިސްރާއީލަށް
ފާހަގަކުރަންޖެހޭ ކަމަކީ ސަރަހައްދީ ފެންވަރުގައި ސައުދީގެ އެންމެ ގާތް 2 އެކުވެރިންގެ ގޮތުގައި އޮތް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ބަހްރައިންއިން މިހާރު އިސްރާއީލު ބަލައިގެންފައި ވާ ކަމެވެ. ގަލްފުގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އޮތް ސައުދީއިން މިކަން އަދި އިއުލާން ކޮށްފައި ނުވި ނަމަވެސް، ޔަހީދީންނާ މެދު އާންމުން ދެކޭ ގޮތަށް ބަދަލު ކުރުމަށް އެ ގައުމުން މަސައްކަތްތަކެއް ކުރާ ކުރުމަކީ، "މަޑުމައިތިރި" ރޫހެއްގައި ގުޅުންތައް ބަދަހި ކުރުމުގެ އިސްތިރާޖެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ.
މާޒީގައި ކަން ހިނގާފައި ވާ ގޮތަށް ބަލާއިރު މިކަމަށް ބާރު ލިބޭ ހެކި އެބަހުއްޓެވެ. 1973 ވަނަ އަހަރުގެ "ތެލުގެ ކާރިސާ" އިން ލިބުނު މެސެޖަށް ބަލާއިރު، ސައުދީއިން އަބަދުވެސް މަސައްކަތް ކުރަނީ، އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް ނުކޮށް ވާނެ ގޮތެއް އިހުތިޔާރު ކުރުމަށް ކަން ފާހަގަވެއެވެ. ރަތްކަނޑުގެ ސަރަހައްދުގައި އޮތް ތީރާންއާއި ސަނާފީރުގެ ޖަޒރާ މިސްރަށް ދޫކޮށްލުމަށް ސައުދީއިން ނިންމީވެސް ޔަހޫދީންނާ ބޯޑަރު ހިއްސާ ނުކޮށް، ކުރިމަތިލުމެއްގައި ބައިވެރި ނުވުމަށް ކަމަށް މެދުއިރުމަތީގެ މަސްރަހާ ބެހޭ އިލްމީ ތަޖުރިބާކާރު ތޯހާ ޢަބްދުއްރައްޒާގު ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ގޮތަކަށް ކަން އޮތް އިރު، އެމްބީއެސް އަމާޒު ހިއްޕަވާފައި ހުރީ ޒައެނިސްޓް އިސްރާއީލަކީ ސައުދީގެ ބައިވެރިއެއް ކަމަށް އާންމު މުޖުތަމައަށް ގަބޫލުކުރެވޭ ވަރު ކުރެއްވުމަށެވެ. މިސްކިތްތަކުގައި ދޭ ޚުތުބާތަކުގައި ޔަހޫދީން ނުބައިކޮށްގެން ޚުތުބާ ދިނުން މަނާކުރުމަށްވެސް ސައުދީ ސަރުކާރުން ނިންމާފައި ވާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.
ސައުދީގެ ދީނީ އިމާމު އަދި މުސްލިމު ވޯލްޑް ލީގުގެ އިސްވެރިޔާ މުޙައްމަދު އަލް-އީސާ ވަނީ، އޯޝްވިޓްޒްގެ ނާޒީ ޑެތް ކޭމްޕު މިނިވަންކުރިތާ 75 އަހަރު ފާހަގަކުރުމަށް ޕޯލަންޑްގައި އޮތް އިވެންޓްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ހޮލޮކޯސްޓް ޝިއާރަށް ތައްޔާރުކޮށްފައިވާ ފިލްމެއް ސްކްރީން ކުރުމަށްވެސް ސައުދީއިން ޝެޑިއުލް ކުރިއެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމުގައި އެކަން ވަނީ ކެންސަލް ކޮށްފައެވެ. މީގެ އިތުރުން، ސަލްމާން ރަސްގެފާނު ވަނީ ގުދުސްގައި ހުންނަ ޔަހޫދީ ދީނުގެ އިސް މީހެއް ކަމަށްވާ ޑޭވިޑް ރޯޒެންއަށް މެހެމާންދާރީ އަދާކުރައްވާފައެވެ.
ސިޔާސީ މުރާސިލު ޢަބްދުއްރައްޒާގު ގަބޫލުކުރައްވާ ގޮތުގައި ސައުދީއިން ކުރިއަށްދާނީ އިސްރާއީލާއެކު މަޑުމަޑުން ގުޅުންތައް އާންމު ކުރުމުގެ އިސްތިރާޖުގައެވެ. އެގޮތުން، އެންމެ ގާތް ގައުމުތަކާ އިސްރާއީލާ ދެމެދު ގުޅުންތައް ބަދަހިކޮށް، އިސްރާއީލާ ވާހަކަދައްކަން ޖެހިއްޖެ ހިނދެއްގައި އެގައުމުތައް މެދުވެރިކޮށް ސައުދީއިން އިސްރާއީލާ ވާހަކަ ދައްކުމަކީ މި އިސްތިރާޖުން ތަނަވަސްކުރާނެ ފުރުސަތެއް ކަމަށް ބުނެވެއެވެ.
"ފަގީރު" ފަލަސްތީނާ "ހަތުރުވެރި" އީރާނު
އަދުގެ ދުނިޔެ ބައްޓަންވެފައި ވަނީ ކިތަންމެ ކުޑަ ކަމެއް ކުރުމަށްވެސް އާރާއި ބާރު ބޭނުން ވާ ފަދަ ގޮތަކަށެވެ. ކަން މިހެން އޮތްއިރު، ސައުދީގެ ގައުމީ މަސްލަހަތު އެކުލެވޭ އެއްވެސް ކަމެއް ފަލަސްތީނަށް ކޮށްދެވޭކަށް ނެތެވެ. އިސްރާއީލު ތަފާތެވެ. އެމެރިކާވެސް އޮތީ އިސްރާއީލާ ވީ ކޮޅުގައި ކަމީ ހަނދާން ނައްތާލެވެން އޮތް ކަމެއް ނޫނެވެ.
ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރައިންއަށް އާންމު އެއް ގައުމު އެބައޮތެވެ. އެއީ އީރާންއެވެ. އީރަނަކީ މި 3 ގައުމުންވެސް ދެކޭ ގޮތުގައި ހަތުރެކެވެ. ސައުދީއިންވެސް އަމާޒު ހިފާފައިވަނީ އީރާނު އެކަހެރި ކުރުމަށެވެ. ބައިނަލްއަގުވާމީ ސުޕާޕަވަރުގެ ގޮތުގައި އޮތް އެމެރިކާގެ ފިކުރަކީވެސް މިއީއެވެ. އަނެއްކާވެސް އިސްރާއީލު ކޮޅަށް ބުރަވެގެން، ވާން އޮތް ކާމިޔާބު ބޮޑު ކަމަށް ދައްކާ ގޮތް ވީއެވެ.
ފަލަސްތީނާއީ އީރާނު ނިކަމެތިކޮށް، ހުޅަނގާ އިސްރާއީލު ކުރިއަށް ނެރުމަށް ބާރުދޭ އިސްތިރާޖަކީ ސައުދީގެ ޝާހީ ވެރިންގެ ފިކުރެކެވެ. ދާދިފަހުން ވޮޝިންގްޓަން އިންސްޓިޓިއުޓް ފޮ ނިއާ އީސްޓް ޕޮލިސީއިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކަށް ބަލާއިރު، މި ސިޔާސަތަކީ ސައުދީގެ ރައްޔިތުންގެ މެދުގައި މަގުބޫލު އެއްޗަކަށް ނުވެއެވެ.
އީރާނުގެ މައްސަލައަށް ބިނާ ކުރަނިވި ހައްލެއް ގެނެސް، އީރާނުގެ އެހީއާއިއެކު ލުބްނާންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ހިޒްބުﷲ ޖަމާއަތަށް އޮތް ހަތިޔާރުގެ ބާރު ކަނޑުވާލުމަށް ސައުދީގެ ރަސްގެފާނު ގޮވާލެއްވީ އދގެ ބައިނަލްއަގުވާމީ ޕޯޑިއަމްގައެވެ.
ބަހުގެ ވަރުގަދަ ހަމަލާތަކެއް އީރާނަށް އަމާޒު ކުރައްވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ނާޖާއިޒު ފައިދާ، އިރާނުން ނަގަމުން ދާ ކަމަށެވެ. އީރާނުން މި އެއްބަސްވުމުގެ ނާޖާއިޒު ފައިދާ ނަގަނީ، ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް އީރާނުން ހިންގާ ހަރަކާތްތައް ފުޅާ ކުރުމަށާ، ޓެރަރިސްޓް ނެޓްވޯކްތައް އުފެއްދުމަށާ، ޓެރަރިޒަމްގެ ބޭނުން ހިފުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުފެދިފައިވަނީ ހަމަނުޖެހުމާއި، ހައްދުފަހަނައަޅާ ދިއުމާ، ފިކުރީ ބައިބައިވުމެއް ކަމަށްވެސް ސައުދީގެ ރަސްގެފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.
193 ގައުމު ބައިވެރިޔވާ އާންމު މަޖިލީހަށް ވީޑިއޯ މެދުވެރި ކުރައްވާ ދެއްވި ބަޔާނުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ، އީރާނުގެ މައްސަލައަށް ބޭނުން ވަނީ ބިނާ ކުރަނިވި ހައްލެއް ކަމަށާ، މިކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާކަމާއެކު ސާބިތުވެތިބެންޖެހޭ ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، ފުރިހަމަ ނޫން އެއްބަސްވުންތަކެއް އެކުލަވާލައިގެން އީރާނުގެ ސަރުކާރާއެކު މަސައްކަތް ކުރަން އުޅެގެން ސައުދީއަށް ފިލާވަޅުތަކެއް ދަސްވެފައި ވާ ކަމަށާ، އީރާނު ރުއްސަން ކުރާ މިފަދަ ކަންކަމުން، އެގައުމުން ބައިނަލްއަގުވާމީ މުޖުތަމައަށް އަމާޒުވާ ނުރައްކަލާ، ސަލާމަތަށް ކުރިމަތިކުރުވާ އިންޒާރުތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އީރާނުގެ ރައްދު
ބައިނަލްއަގުވާމީ ޕޯޑިއަމްގައި ސައުދީއިން އީރާނަށް ދިން ބަހުގެ ހަމަލާއެކު އީރާނުވެސް ހިމޭނަކުން ނޯތެވެ. ސައުދީ ރަސްގެފާނަށް ރައްދު ދެއްވަމުން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސައީދު ޚަތީބުޒާދީ ވިދާޅުވީ، ހަގީގަތުން އެއްކިބާވުމަށް ސައުދީއިން މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައި ވާ ކަމަށާ، ސައުދީއިން ގެންގުޅޭ ސިޔާސަތަކީ ހަގީގަތް އޮޅުވާލާ، އަނެކުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ސިޔާސަތެއް ކަމަށެވެ.
ކަން މިހެން އޮތްއިރު، ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ ޔަމަނުގައި ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި، ޖަރީމާ ހިންގާ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. ސަރަހައްދީ ފެންވަރުގައި ލޮޖިސްޓިކްސްއާއި މާލީ ގޮތުން ޓެރަރިޒަމަށް އެންމެ ބޮޑަށް ހިތްވަރު ދޭ ގައުމަކީވެސް ސައުދީ އަރަބިއްޔާ ކަމަށް އީރާނުން ބުނެއެވެ.
ސައުދީއަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ، ސައުދީ އަކީ އަރަބިންގެ މެދުގައި އޮތް "ނުލަފާ" ގައުމެއް ކަމަށް ވިދާޅުވެފައެވެ.
ސައުދީ އަރަބިއްޔާއިން އިރާނާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2016 ވަނަ އަހަރުއެވެ. އެއީ ޝީއީ އިމާމު ނިމްރް އަލް ނިމްރު މަރާލި މައްސަލާގައި، އީރާނުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި، ސައުދީގެ މިޝަންތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
އަރުވާލެވިގެން ތިބި ސައުދީ ރައްޔިތުން އިއްތިހާދަކަށް
ދާހިލީ ފެންވަރުގައި، އިސްލާހީ ބަދަލުތަކެއް ކަމަށް ބުނެ، ސައުދީގެ ޒަމާންވީ އުސޫލުތައް ބަދަލު ކުރަމުންދާއިރު، އެކަން ބެލުމަށް ހިމޭނުން އޮތުމީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން، އެކި ސަބަބުތަކާ ހެދި އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ގުރޫޕަކުން ހުސްވި ހަފުތާގައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ލޯންޗުކޮށްފައެވެ.
މިއީ ސައުދީގެ ސަލްމާން ރަސްގެފާނުގެ ވެރިކަމާ ދެކޮޅަށް މިފަދަ ގޮތަކަށް ރާވައިގެން، ސިޔާސީ އިދިކޮޅު ހަރަކާތްތަކެއް ހިންގަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. 2007 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ސައުދީގައި އިދިކޮޅު ސިޔާސީ ޕާޓީ އުފެއްދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު، އެ މަސައްކަތްތައް ހުއްޓުވާފައި ވަނީ، އެ ކަމުގައި ޝާމިލުވީ މީހުން ހައްޔަރުކޮށްގެންނެވެ.
ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ބާރު ރޭވިފައި އޮންނަ ގޮތުން، ސިޔާސީ އިދިކޮޅު ފިކުރަށް ފުރުސަތެއް ނޯވެއެވެ. ނަމަވެސް، ނޭޝަނަލް އެސެމްބްލީ ޕާޓީގެ ނަމުގައި ސައުދީގެ އިދިކޮޅު ސިޔާސީ ޕާޓީއެއް އުފައްދާފައި މިވަނީ، ސައުދީ އަރަބިއްޔާގެ އުފެދުމުގެ މުނާސަބައާވެސް ގުޅުވައިގެންކަން ފާހަގަކުރަންޖެހެއެވެ. ވިރާސީ ވެރިކަމެއް ކުރަމުން އަންނަ ސައުދީ ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީ ލޯންޗްކުރި ގުރޫޕުގައި، އިނގިރޭސިވިލާތާ އެމެރިކާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ރައްޔިތުން ހިމެނެއެވެ.
ނޭޝަނަލް އެސެމްބްލީ ޕާޓީއަކީ، ސައުދީގެ ސަރުކާރަކީ ޑިމޮކްރަޓިކް އުސޫލުން ހިންގާ ސަރުކާރަކަށް ހެދުމުގެ މަގުސަދުގައި އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ސައުދީގެ ނުފޫޒުގެ ޝާޙީ އާއިލާގެ ބާރާއި ހައިބަތަށް އުނިކަން ގެނުވާނެ ޕާޓީއެއް ކަމަކަށް ނުބެލެވެއެވެ. އެއާ ހިލާފަށް ނޭޝަނަލް އެސެމްބްލީ ޕާޓީ ވާނީ، ސައުދީގެ ޝާހީ ވެރިންނަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ.
ސައުދީގެ ސިޔާސީ ކުރިމަގާ މެދު ސުވާލުތަކެއް
ނުފޫޒުގަދަ އެމްބީއެސް ގެންދަވަނީ އިސްލާހީ ބަދަލުތަކުގެ ނަމުގައި ސައުދީގެ އިޖުތިމާއީ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. މީގެ ކުރިން ގައުމު ނުދެކޭ އެތައް "މިނިވަންކަމެއް" ފަހިކޮށްދެއްވަމުންނެވެ. ނަމަވެސް، ސިޔާސީ ފިއްތުންތަކަށް ކުޑަ ނަމަވެސް ދުލެއް ލިބިފައިވާތީ އަދި ނުފެނެއެވެ. ވެރިކަން ހިނގާ ގޮތާ މެދު ސުވާލެއް އުފައްދާލި މީހަކު ހައްޔަރު ކުރެއެވެ. ނޫނީ ނިޒާމުން ގެއްލުވާލައެވެ. ޖަމާލް ޚަޝޯގީއޭ ދަންނަވާލުމުން ފުދޭނެއެވެ.
އުމުރުފުޅުން 80 އިން މައްޗަށް ގޮސްފައިވާ ބައްޕާފުޅުގެ ސަރުކާރުގެ ކޮންޓްރޯލް ކުރައްވަނީ އެމްބީއެސްއެވެ. އެތެރެއިންނާއި ބޭރުން އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ހުރިހާ ހުރަހެއް "ނައްތަވާލި" އެމްބީއެސްއަކީ ސައުދީގެ ޒުވާނުންގެ މެދުގައި މަގުބޫލު ލީޑަރެކެވެ. ނަމަވެސް، ޑިމޮކްރަސީގެ މަންޒިލަކަށް ސައުދީގެ ޝާހީ ވެރިކަމުގެ ހަންދާނުން ފުރުސަތު ތަނަވަސްކޮށްދީފާނެ ކަމާ މެދު އަދިވެސް ޖަހަންޖެހެނީ ސުވާލުމާކެކެވެ. ހިމޭނުން އޮވެ، އަޑިއަޑިން އިސްރާއީލަށް ސައުދީގެ ހިތް ދީނީތޯވެސް ކުރަންޖެހެނީ ސުވާލެކެވެ.