ކޮވިޑް ބަލިމަޑުކަމުގެ ކުރިން އޮތް ދިރިއުޅުމުގެ ހާލަތަށް ދެވޭނީ ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިން އެއް ލިބިގެން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅި ކަމުގައި ވިޔަސް، ކޮވިޑް-19ގެ ކުރިން އުޅުން ގޮތަށް ދެވޭނީ ވެކްސިންއެއް ލިބިގެން ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތކަށް ލުއި ދޭން ނުވަތަ އުވާލަން އަދި ރައްކާތެރި ނޫން ކަމަށްވެސް ޝިނާ ވިދާޅުވިއެވެ. ފިޔަވަޅުތަކަށް ލުއި ދިން ކަމުގައި ވިޔަސް ކޮވިޑްގެ ތެރޭގައި ނިއުނޯމަލްގައި ދަސްވި އާދަކާދަތައް ވެކްސިން އެއް ލިބެންދެން ހިފަހައްޓަން ޖެހޭ ކަމަށް ޝީނާ ވިދަޅުވިއެވެ.
ޝީނާ އިތުރަށް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭން ނިންމޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އަދި ދެތިން ހަފްތާއެއް ހިފަހައްޓަލުމަށް ފަހު ކަމަށެވެ. އެއީ އިންކިއުބޭޝަން ޕީރިއަޑަށް ބަލާ ދެތިން ހަފްތާގެ މުއްދަތެއް ކަަމަށާއި އެ ހަފްތާތަކުގެ ތެރޭގައި ބަލި ފެތުރުން އަދިވެސް ކޮންޓްރޯލް ކުރެވިއްޖެ ނަމަ ބަލި ފެތުރޭ މިންވަރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 54 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 50 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 4 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9939 އަށް އަރާފައެވެ.
ވޭތުވެދިޔަ ހަފްތާ ތެރޭގައި ޕޮޒިޓިވް ކޭސް ފެންނަމުންދާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އެ ގޮތުން މި މަހުގެ 21 ވަނަ ދުވަހު 44 ކޭސް ފެނިފައި ވާއިރު މި މަހުގެ 22 ވަނަ ދުވަހު 48 ކޭސް ވަނީ ފެނިފައެވެ. މިއީ މި ފަހަކަށް އައިސް އެންމެ މަދުން ކޮވިޑް ކޭސް ފެނުނު ދުވަސްތަކެވެ.