އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހަމަޖައްސައިފިއެވެ.

ޑރ. ޝަހީމް އެޑްވައިޒަރުކަމަށް ހަމަޖައްސާފައި ވަނީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީން އަކީ އޭނާއަށް އަބަދުވެސް ވަރަށް ހެޔޮ ރަނގަޅު ބޭފުޅެއް ކަމަށާއި އެހެން ކަމުން އެހެން ބަޔަކާ އެކު ސިޔާސީ މަސައްކަތް ކުރުމަށް އޭނާ އެދިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބޭނުންވަނީ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނާ އެކު ދެމިހުންނަވަން ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދަކީ އަނެއްކާ ވެސް މަސައްކަތަށް އިތުރު ކުރިއެރުމަށް ލިބިގެން ދިޔަ ދުވަހެއް ކަމަށާއި ގައުމު މިއަދު މިއޮތް ހާލަތުގައި ޑރ. ޝަހީމް ފަދަ ބޭފުޅަކު އިސް ސަފުގައި މަސައްކަތް ކުރެއްވުމަށް ނިކުމެވަޑައިގެންނެވުމަކީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަންގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެޑްވައިޒަރުންގެ ގޮތުގައި ތިއްބަވައެވެ.