ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސާޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓާޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީއެވެ.

ދެ ހަފުތާގެ މުއްދަތަށް ހިންގި އެ ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ކޯހެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ޕްރޮގްރާމަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީން ކަމަށާއި އެ ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުން ކަމަށެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުސަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން އަންނަނީ ފުޅާ ދާއިރާއެއްގައި ލިބެމުންނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޔޫއެންއޯޑީސީގެ އިސްވެރިންނާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.