ކޮވިޑް-19އާ ގުޅިގެން އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނާ އެއްވެސް ފަރާތަކަށް ފިޔަވަޅެއް ނާޅާތީ އާއި ހެލްތު މިނިސްޓަރެއް ނެތި ދިގު މުއްދަތެއް ދާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

ދުންޔާ ވިދާޅުވީ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެން ފަހުން މިއަދާ ހަމައަށްވެސް މިނިސްޓަރެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

އަދި ކޮވިޑާ ގުޅިގެން ގެނެސްފައިވާ ވެންޓިލޭޓަރާއި އެހެނިހެން ސާމާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި ކޮވިޑްގެ އޮޑިޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާތީ އެކަމާވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ހެލްތު އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އޮޑިޓަރު މި ގޮތަށް ލަފާ ދެއްވުމުން އެ ރިޕޯޓުގައި ހުރި ކޮރަޕްޝަންގެ ކަންކަން ބެލުމަށް ފުލުހުންނާއި އޭސީސީއަށް އެންގީ ރައީސް އޮފީހުންނެވެ.

މީގެ އިތުރުން އޮޅުވާލުމުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައި ވާއިރު، ތިންލައްކައަށް ވުރެ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް ފަރާތްތައް ވަނީ ސަސްޕެންޑް ކޮށްފައެވެ. ހަމައެއާއެކު މި މައްސަލަ ފެންމަތިވެގެން އައި އިރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ.

ހެލްތު މިނިސްޓަރެއް ނެތި މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.