ދިވެހިންނަށް ކަނޑުން ލިބެމުންދާ ކަނޑުރޯއްޖާއި އެ ކަނޑުގެ ދިރުން ތަކަކީ ދުނިޔޭގައި ދެވަނައެއް ނެތްފަދަ ގުދުރަތީ މުއްސަނދި ކަމެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ މި ކަނޑުތަކުން ބާނާ މަހަކީ ރަން ޖަވާހިރޭ ބުނެވިދާނެއެވެ. އަހަރެމެން ކާބަފައިންގެ ދިރިއުޅުން ބިނާވެފައި ވީ މި ކަނޑަށެވެ. އެމީހުންގެ އާއިލާގެ ހަރަދު ބަރަދު ބެލެހެއްޓުން މި ކަނޑުތަކުން ހަމަޖައްސަމުން ގެންދިޔައެވެ.

ނަމަވެސް ކާބަފައިން އޭރު ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމުގައި ދެކެމުންއައި މަސްވެރިކަން ބަދަލުވީ ޓޫރިޒަމްގެ ސިނާއަތަށެވެ. ފަތުރުވެރި ކަމަކީ ރާއްޖޭގެ މައި އިގްތިސޯދަށް މިހާރު ވެފައިވާ ކަމީ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ. ރާއްޖޭގެ އިގްތިސޯދަށް ފައިދާ ވާނެ ހުރިހާ މަގެއް ގޮސް ނިމެނީ ޓޫރިޒަމްގެ ދާއިރާއަށެވެ. ތަފާތު ޕްލޭން ތަކާއި ކުރިއެރުވޭނެ ގޮތްތައްވެސް ހޯދެނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ތަފާތު ފަރާތްތަކުގެ އެހީ ތައްވެސް ލިބެމުން ދިޔައީ ހަމަ ފަތުރުވެރި ކަމުގެ ސިނާއަތަށެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިސްތިހާރު ކުރެވެނީވެސް ހަމަ އެ ދާއިރާއެވެ.

ދިވެހިންގެ ލޭނާރު ކަމުގައި ކާބަފައިން ދެކުނު، ނަމަވެސް މިހާރު ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖޭގެ އިގްތިސޯދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދުމަށް ސަރުކާރުން މި ވަނީ މަސްވެރިކަމުގެ ތަރައްގީ އަށް މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގު، ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުމާއި މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމި ނިންމުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މަސްވެރިން އަދި މަސްގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ހަރަދުގެ މައްޗަށް ރިއާޔަތްކޮށް އެންމެ ފަހުން ފްލޯ ޕްރައިޒިން މުރާޖައާ ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި މަހުއެވެ. ހަތް އަހަރު ވަންދެން ވަކި އަގެއް ކަނޑައަޅައިގެން މަސްވެރިން އަތުން މަސް ގަތުމަށް ފަހު، މިއީ ސަރުކާރުން މަސް ގަންނަ އަގު ކަނޑައެޅި ފަހުން މިފްކޯއިން އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރަވެ.

މީގެ ކުރިން ފިނިކުރި މަސް، 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް 20 ރުފިޔާ އަށް ގަންނަމުން ދިޔައިރު، ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާ އަށެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިފްކޯގެ ސައިޓްތަކަށާއި ބޯޓުފަހަރަށް މަސް ކިލޯއެއް ގަންނަމުން ދާނީ 18 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާ އަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް 10 ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ / ފައިލް ފޮޓޯ: ދަ ޕްރެސް

އެކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑައިރެކްޓާ އިސްމާއިލް ފައުޒީ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަހުގެ އަގަކީ ކޮންޓްރޯލް ކޮށްފައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އެގޮތަށް ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެކު ރާއްޖޭގެ މަހުގެ އަގަށްވެސް ބަދަލު އަންނާނެއެވެ.

ފައުޒީ ވިދާޅުވީ ފާއިތުވެ ދިޔަ 7 އަހަރު މަސް ގަންނަމުން ދިޔައީ ދުނިޔޭގެ ބާޒާރުގެ އަގަށް ބެލުމެއް ނެތި ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިންގެ އަތުން މަސް ގަނެ، ފައިސާ ދޭން އޮންނަ މުއްދަތުގައި ފައިސާ ނުދެވުން ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަން ފެށި އެ އުސޫލުގެ ސަބަބުން އެކަމަށް ހައްލެއް ހޯދައި ދެވިގެންދާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިފްކޯއަށާއި މަސްވެރިންނަށްވެސް ބޭނުންވާ ހިސާބަކަށް ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު އިއުލާން ކޮށްފައެވެ. އެގޮތުން 1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށާއި 1.5 ކިލޯއަށް ވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކީ 5 ރުފިޔާ 15 ލާރިއަށް ކަމަށް ވަނީ ހަމަޖައްސާފައެވެ.

މަސްގަންނަ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށް ނިންމާފައި ވާއިރު، އެގޮތަށް ހެދުމުން މަސްވެރިންނާއި މިފްކޯ އަށް ވެސް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިދާތަކެއް ކުރާނެއެވެ. މަސްވެރިން ބާނާ މަހުގެ އަގު ނުވެއްޓި މަސްކިރޭނެކަމުގެ ޔަގީންކަން ލިބިގެން ދިއުމާއި ވާދަވެރި މާހައުލެއްގައި މަސްގަނެ ބޭރުކުރުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލާފައި ވާއިރު 13 ރުފިޔާ އަށްވުރެ ދަށް އަގެއްގައި ޕްރައިވެޓް ސެކްޓަރުން މަސް ގަތުމަށް ކުރާ މަސައްކަތަށް ވެސް ނިމުމެއް އަންނާނެއެވެ.

ފާއިތުވެ ދިޔަ 7 އަހަރު މި ދިޔައީ ދުނިޔޭގެ ބާޒާރުގެ އަގަށް ބެލުމެއް ނެތި އެއްކޮށްވެސް މަސް ގަންނަމުން ދިޔައީ، އޭގެ އާހިތު ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިންނަށް މަސް ގަނެފަ ފައިސާވެސް ނުދެވުން، އެ އޮންނަ މުއްދަތުގަ، އެއަށްވެސް ހައްލެއް އަޅުގަނޑުމެން މި ހޯދައި ދިނީ މަސްވެރިންނަށްވެސް ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ، އޭރުން މިފްކޯއަށްވެސް މިފްކޯ ބޭނުންވާ ހިސާބަކަށް ދެވޭނެ މަސްވެރިންނާ އެއްކޮށް،
ފައުޒީ

ފައުޒީ ވިދާޅުވީ މަސްވެރިންނަށްވެސް އެ ޔަގީންކަން ލިބުނީ މަސްވެރިކަމުގެ ސިނާއަތުގައި މިފްކޯ ދެމި އޮތުމުން ކަމަށެވެ.

މަސްވެރިންނަށް ހަމައަގު ހޯދައިދިނުން

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސައުދީން ލިބުނު އެހީގައި 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އެގޮތުން ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކާއި ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫގެ ދަށުން ކޫއްޑޫ އާއި ފެލިވަރުގައި ބާވެފައި ހުރި ވަސީލަތްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލު ކުރާނެއެވެ.

އެކަމާ ގުޅިގެން ފައުޒީ ވިދާޅުވީ މިފްކޯއިން މަސްވެރިކަން ތަރައްގީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ހަރަދަކާއި ވަސީލަތްތައްވެސް ބޭނުން ކުރަން ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން އިންވެސްޓްމަންޓް އިތުރު ކުރަން އެ ކުންފުނިން ތައްޔާރަށް އޮތްކަން ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކީ ފުރަތަމަ މިފްކޯއިން ގަންނަ މަސް ގަނެ ސްޓޯ ކުރެވޭނެ އިންތިޒާމާއި އަދި ޕްރޮސެސް ކުރެވޭނެ އިންތިޒާމްވެސް ހަމަޖެއްސުން ކަމަށާއި އެކަމަށް 30 މިލިއަން ޑޮލަރު ހަރަދު ކުރަން މިފްކޯއިން ތައްޔާރަށް އޮތް ކަމަށް ފައުޒީ ވިދާޅުވިއެވެ. އެ ވަސީލަތްތައް ރާއްޖޭގައި ގާއިމް ކޮށް މަސްވެރިންގެ ކަންބޮޑުވުން ތަކަށް ޖުމްލަ ހައްލެއް ލިބޭނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހްގެ ނިންމުމަކީ ފުރަތަމަ މިފްކޯއިން ގަންނަ މަސް ގަނެފަ ސްޓޯރް ކުރެވޭނެ އިންތިޒާމާއި އަދި ޕްރޮސެސް ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާ ކުރިއަށް ގެންދިއުން، އެހެންވީމަ އެކަމަށް 30 މިލިއަން ޑޮލަރު، ހަރަދު ކުރަން މިފްކޯއިން މި ތިބީ، އެއީ އެ ވަސީލަތްތައް ރާއްޖޭގަ ގާއިމް ކޮށްގެން، އެހެންވީމަ މަސްވެރިންގެ ކަންބޮޑުވުން ތަކަށް ޖުމްލަ ހައްލެއް ލިބޭނެ އެކަމުން،
ފައުޒީ

މިފްކޯއިމް މީގެ ކުރިން މަސްގަތުމުގައި ގެންގުޅުނު ގޮތް ހިއްސާ ކުރައްވަމުން ފައުޒީ ވިދާޅުވީ މީގެ ކުރިން މިފްކޯއިން މަސް ގަނެފައި ވަނީ ރޯމަހުގެ ބޮޑު ޕަސެންޓެއް އެކްސްޕޯޓް ކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު އެ އައި ބަދަލާ ގުޅިގެން ރާއްޖޭގެ މަސްވެރިން ބާނާ މަސް ޕްރޮސެސް ކުރާނީވެސް ރާއްޖެއިން ކަމަށާއި އެއަށް ފަހު ބޭރުގެ މާކެޓަށް އެކްސްޕޯޓް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭ ފައިސާ!

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ ވާހަކަ އާއި ފައިސާ ދިނުމުގައި ދަތިތަކެއް ހުންނަ ވާހަކަ އަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. އެކަމަށް ހައްލެއް ގެނައުމަށް އެތައް މަސައްކަތެއް ކުރެވުނު ނަމަވެސް އެކަމަށް މިއަދާ ހަމައަށް އައި އިރުވެސް ވަނީ އެކަށީގެންވާ ހައްލެއް ނުލިބިފައެވެ. މަސްވެރިންގެ ޝަކުވާއަކަށް ވެފައި ވަނީ ކުރާ މަސައްކަތަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާއެވެ.

އެކަމާ ގުޅިގެން ފައުޒީ ވިދާޅުވީ މިފްކޯގެ ނަމުގައި ކުންފުނި ހިންގާތާ 27 އަހަރު ވެފައިވާ އިރު ނިމުމެއް ނެތް އެ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް މި ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ މަސްވެރިންގެ ބޭންކް ކާޑު އިފްތިތާހު ކޮށްފައި ވަނީ މިދިޔަ އަހަރިގެ ފެބްރިއަރީ މަހުގެ 20 ވަނަ ދުވަހެވެ.

މަސްވެރިއާގެ ކާޑު ނުވަތަ "ޑިޖިޓަލް ވޮލެޓް" އަކީ މަސްވެރިންގެ ޝަކުވާތަކަށް އޮތް އަސްލު "އަލްޓިމޭޓް ސޮލިއުޝަން" ކަމަށާއި މަސްވެރިންގެ އެކައުންޓް ތަކަށް ޓަރާސްފާ ކޮށް އެ މައްސަލައަށް ވަގުތުން ހައްލު ގެނވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ހުރިހާ މަސްވެރިންގެ ބަލައިގެންފައި ވާ ކަމަށެވެ. ހާއްސަކޮށް ޒުވާން މަސްވެރިން އެކަމަށް ދިން ތަރުހީބަށް މިފްކޯއިން ޝުކުރު އަދާ ކުރާ ކަމަށް ފައިޒީ ވިދާޅުވިއެވެ.

މަސްވެރިޔާ ކާޑް ޕްރޮމޯޝާން/ ފޮޓޯ: ބީއެމްއެލް

އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވިއްޖެ ނަމަ ކިރާ މަހަށް ފައިސާ ނުދޭ ވާހަކަ ތަކަށް ނިމުމެއް އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ. ވަގުތުން ވަގުތަށް ލިބެން ޖެހޭ ފައިސާ ހަފްތާ، ދެ ހަފްތާ ވާއިރުވެސް ނުލިބި ދިގުލައިގެން ދާ ވާހަކައަށްވެސް ނިމުމެއް އަންނާނެ ކަމަށްވެސް ބުނެއެވެ. އެކަމާ ގުޅިގެން މިފްކޯއިން މީގެ ކުރިން ބުނެފައި ވަނީ މަސް ގަންނަ އަގަށް މަސް ނުވިކޭތީ، ލާރި ދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އެންމެ ލަސްވެގެން ހަފްތާއެއްގެ ތެރޭ މަސްވެރިންނާ ފައިސާ ހަވާލުކުރާ ކަމަށެވެ.

މިއީ މަސްވެރިކަން ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް!

ކޮވިޑް-19އާ ގުޅުގެން ދުނިޔޭގެ އިގްތިސޯދަށް ކުރާ އަސަރުގެ އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ ގައުމަކަށް ރާއްޖެ ވާނެ ކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. ކުރިއަރަމުން އަންނަ ގައުމު ތަކަށް ކޮވިޑްގެ ސަބަބުން އުނދަގޫތަށް ކުރިމަތިވި ނަމަވެސް ރާއްޖެއަށް މަސްވެރިކަމުގެ ދާއިރާ ރަނގަޅު ކުރެވިއްޖެ ނަމަ މިއީ ގައުމުގެ އިގްތިސޯދު ކޮޅަށް ޖަހަން ލިބޭ ރަނުގެ ފުރުސަތެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މަސްވެރިކަން ތިޔާގި ދުވަސް ވަރެކެވެ. ތެލުގެ އަގު ދަށް ދުވަސްވަރެކެވެ. މީގެ އިތުރުން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް ހެޔޮ ކޮށްފައިވާ ދުވަސްވަރެކެވެ.

މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 7.11 ރުފިޔާ އަށް ލިބޭއިރު އާއްމުންނަށް ޑީސަލް ލީޓަރެއް ލިބޭނީ 13 ރުފިޔާ އަށެވެ. ކުރިން މަސް ދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.65 ރުފިޔާއަށެވެ. ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 8.71 ރުފިޔާ އަށެވެ. އެގޮތުން މަސްވެރިންނަށް މިހާރު ދޭ ތެލުން 1 ރުފިޔާ 54 ލާރި ވަނީ ކުޑަ ކޮށްފައެވެ. ފައުޒީ ވިދާޅުވީ މަސްވެރިން ކަނޑަށް ނުކުމެ ކުރަން ޖެހޭ އެންމެ ބޮޑު ހޭދަ އަކީ ތެލަށް ކުރާ ހަރަދު ކަމަށައި މިހާރު ގެނެވުނު ބަދަލަކާ ގުޅިގެން އެންމެ ބޮޑު ހައްލު އެ ވަނީ ހޯދައި ދެވިފައި ކަމަށެވެ.

މަސްވެރިންނަށް ދޫކުރާ ތެލުގެ ހަރަދު ކުޑަ ކުރި ނަމަވެސް މިކަން އަދި ނިންމޭކަށް ނެތެވެ. ރާއްޖޭގައި ބާނާ މަހުގެ ޖުމްލަ އަކީ 150،000 ޓަނު ކަމަށް ވިއަސް މިފްކޯ އަށް ގަނެވެނީ 42،000 ޓަނު މަހެވެ. މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރަނީ 28-30 ޕަސެންޓާ ދެމެދުގެ މަހެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން މިހާރު ތައްޔާރު ކޮށްފައިވާ ޕްލޭނަކީ އެކަމަށް އެންމެ އެކަށިގެންވާ ޕްލޭން ކަމަށް މިފްކޯއިން ބުނެއެވެ.

އެގޮތުން މިފްކޯއިން މިދިޔަ އަހަރު ޖުމްލަ 48،000 ޓަނުގެ މަސް ކިރުވާފައި ވާއިރު މަސްވެރިންނަށް 908 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. މަސް ފަސޭހައިން ކިރުވުމުގެ އިންތިޒާމް ކުރިއަށް އޮތް ތާނގައި ގާއިމް ކުރައްވާނެ ކަމަށާއި ދެން ކުރާ މަސައްކަތަކީ ރާއްޖޭގަ ސްޓޯރޭޖް ބޮޑުކޮށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ގެނައި ބަދަލާއި އަދި މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީން އެއްވެސް ބޭފުޅަކު ކޮމެންޓެއް ނުކުރެއްވިއެވެ.

އެ ބަދަލާ ގުޅިގެން ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން އެ ފަރާތްތަކުން ބުނީ މިފްކޯއިން މަސް ގަންނަމުން ދިޔަ އަގު ދޫކޮށްލުމުން ބޭރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވުމުން މަސްވެރިންނަށް ފައިދާ ވާނެއެވެ. ނަމަވެސް އެ ފަރާރްތަކުން ފާހަގަކޮށްފައި ވަނީ މަސްވެރިކަން ބޭރު ދުނިޔޭގެ އަގުތަކަށް ބަދަލު ކުރުމުގެ ކުރިން ބޭރު މާކެޓް ތަކުގައި އިސްތިހާރު ކުރުން މުހިންމު ކަމަށް ފެންނަ ކަމަށެވެ. މި ދާއިރާ ކުރިއަށް ގެންދެވެން އޮތް ގޮތަކީ އެއީ ކަމަށް އެ މަސްވެރިން ދެކެެއެވެ. އަދި މަހަށް ލިބެން ޖެހޭ ފައިސާ ދުވަހުން ދުވަހަށް ލިބެންޖެހޭ އުސޫލަށް އަމަލު ކުރެވޭ ނަމަ އެއީ މި ދާއިރާއަށާއި މަސްވެރިންނަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރިމެއް ކަމަށެވެ.