ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާ، އެކުވެރި އަރަބި އިމާރާތް، އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތަކަށް ތިން ފަރާތެއް އައްޔަންކޮށްފިއެވެ.
އެ ތިން ފަރާތަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ގޮތުން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު ނިޔާސާ ޑރ. ނިޔާޒެވެ. އެކުވެރި އަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު މިސްޓީލޮޖް އާމިނަތު ޝަބީނާއެވެ. އަދި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އަޢައްޔަންކުރައްވާފައި ވަނީ ގަލޮޅު ޗޭނުގެ ފަރުޒާނާ ޒާހިރެވެ.
އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައެޅުއްވި ޑރ. ހުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަދި، ނިޔާޒު ވަނީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނަޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑރ.ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ހާސިކޮށްފައިވާ ފަރާތެކެވެ.
އެކުވެރި އަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި، ޝަބީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ޝަބީނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައިވާ ފަރާތެކެވެ.
އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. ފަރުޒާނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާއަކީ ނިއުޒީލެންޑުން މާސްޓާ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކޮށްފައިވާ ފަރާތެކެވެ.