ދ. ކުޑަހުވަދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާހު ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލަކުން ކަމަށެވެ.

ޕޮޒިޓިވެ ވަފައި ވަނީ ގާތްގަނޑަކަށް 45 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ރަށުން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ހާއްސަކޮށް މާސްކްއެޅުމަށް އެރަށު ރައްޔިތުންންނަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9770 ވަނީ އަރާފައެވެ. 8390 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1340 ކޭސް އެބަ ހުއްޓެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 96 އަށް ދަށް ވެފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 692 މީހަކު އެބަތިއްބެވެ.

މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 27 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 16 ފަތުރުވެރިއަކާއި، 39 މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 34 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އެކަންޏެވެ.