ދުނިޔޭގެ އެންމެ އުސް ފަރުބަދަ ނުވަތަ މައުންޓް އެވަރެސްޓަށް އެންމެ ގިނަ ފަހަރު އެރުމުގެ ރެކޯޑް އެންމެ ފުރަތަމަ ހޯދި، ނޭޕާލްގެ އަންގް ރީޓާ މަރުވެއްޖެއެވެ.

10 ފަހަރު މައުންޓް އެވަރެސްޓަށް އަރައިގެން، އެންމެ ގިނަ އަދަދަކަށް އެ ފަރުބަދައަށް އެރުމުގެ ރެކޯޑް ފުރަތަމަ ހޯދި އަންގް ރީޓާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، އޭނާގެ އުމުރުން 72 އަހަރުގައެވެ.

ނޭޕާލްގައި ފަރުބަދައަށް އަރާ މީހުންގެ ކޮމިއުނިޓީއިން، އަންގް ރީޓާގެ މަރު ސިފަކުރަނީ އެ މީހުންނާ މުޅި ގައުމަށްވެސް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައެވެ.

ޤުދުރަތީ ގޮތުން ދުނިޔޭގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ މައުންޓް އެވަރެސްޓް އެންމެ އުހުގައި/ފޮޓޯ: އޭއެފްޕީ

8850 މީޓަރު އުސް މައުންޓް އެވަރަސްޓަށް އަންގް ރީޓާ އަރާފައިވަނީ، 1983 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދުގައެވެ. މިއިން ކޮންމެ ފަހަރަކުވެސް ފަރުބަދައިގެ އެންމެ އުހަށް އަންގް ރީޓާ އަރާފައިވަނީ އޮކްސިޖަން ފުޅިއަކާވެސް ނުލައެވެ.

އަންގް ރީޓާއަށް ކާފަ ކިއާ ފުރުބާ ޓްޝެރިންގް ބުނީ، އުމުރުން 72 އަހަރުގެ ކާފަ، ސިކުނޑިއާއި ޗިސްމޭގެ ބަލިތަކެއްގައި އުޅޭތާ ދިގު މުއްދަތެއް ފާއިތުވެފައި ވާ ކަމަށެވެ.

އެންމެ ގިނައިން މައުންޓް އެވަރެސްޓަށް އެރުމުގެ ރެކޯޑް، އަންގް ރީޓާއަށް ފަހު ގިނަ ބަޔަކު ވަނީ މުގުރާލާފައެވެ. އެގޮތުން އެކަކު ވަނީ 24 ފަހަރެއްގެ މަތިން މި ފަރުބަދައިގެ އެންމެ އުހަށް އަރާފައެވެ.

ފަރުބަދައަށް އެރުމުގައި އަންގް ރީޓާއަށް ލިބިފައިވާ އާދަޔާ ހިލާފު ހުނަރާއެކު އޭނާ މަޝްހޫރު ވެފައި ވަނީ "ސްނޯ ލެޕަޑް" ގެ ނަމުންނެވެ.