ގދ. މަޑަވެލި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕިއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް އެ ރަށުން އެެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައި ނުވާތީ ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތުން ނަގައިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދޫން މިދިޔަ ހޮނިހިރު ދުވަހު 11 ކޮންޓެކްޓެއްގެ ސާމްޕަލް ނެގިއިރު އެއެންމެންގެ ނަތީޖާވެސް ނެގެޓިވް ވެފައި ވާކަމަށާއި އިއްޔެ ރެންޑަމް ސާމްޕަލްގެ ގޮތުގައި މަޑަވެލިން ނެގި 51 ރެންޑަމް ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައި ވާތީ މަޑަވެލި މޮނިޓަރިންނުން ނަގާފައި ވާކަމަށެވެ.

ގދ. ހޯޑެއްދޫއާއި މަޑަވެލިން ބަލީގެ އަލާމާތްތައް ހުރި އެންމެން ޓެސްޓް ކޮށްފައި ވާއިރު ހޯޑެއްދޫގެ ކޭސްތަކާ ގުޅިގެން މަޑަވެލިން ނެގި އެއްވެސް ސާމްޕަލެއް މިހާތަނަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށާއި ހޯޑެއްދޫން މިހާތަނަށް ފެނުނު ހުރިހާ ކޭސްތަކަކީވެސް އެއް ކްލަސްޓާއެއް ކަމަށާއި އަދިވެސް ނިންމާފައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީ މީގެ ކުރިން ބުނެފައި ވަނީ ހޯޑެއްދޫން ޖުމްލަ 44 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން 27 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިވަގުތު މޮނިޓްރިންގެ ހާލަތުގައި އޮތީވެސް ހޯޑެއްދޫ އެކަންޏެވެ.