މޯލްޑިވަސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޅ. ކުރެންދޫގައި ގާއިމްކުރަމުންދާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެރަށުގެ ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ފެނަކަ ކޯޕަރޭޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ، އަދި އެމްޑަބްލިޔުއެސްސީގެ ފަރާތްތަކުން މިއަދު އެރަށަށް ވަޑައިގެން ކަމަށެވެ.

އެ ރަށުގެ ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ 29 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

އެ މަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކްއާއި، 720 މީޓަރގެ ޕަންޕިން ލައިން އާއި، 2 ޕަންޕިންގް ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގްއެއް ގާއިމްކުރެވިފައި ވެއެވެ.

މީގެ އިތުރުން، އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންޝަން ބަހައްޓައި، އެގެތަކަށް ނަރުދަމާގެ ކަނެޝަން ވަނީ ގުޅާދީފައެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށާއި އެ މިމަޝްރޫއުގެ ސަބަބުން ކުރެންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.