އެމެރިކާގެ އަސްކަރިއްޔާއަށް އަލަށް އިތުރުކުރި ޖައްވީ ގޮފީގެ ފުރަތަމަ ފައުޖުގެ މެމްބަރުން ރުކުރުވާލައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާގައި އަލަށް އުފެއްދި ޖައްވީ ގޮފީގެ ފުރަތަމަ ފައުޖު ރުކުވާލީ ޖައްވުގައެއް ނޫނެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުރަތަމަ ފައުޖު ރުކުރުވާލީ އަރަބި ބަހުން ޖަޒީރަތުލް އަރަބް އޭ ކިއާ ބައްރުގައި ނުވަތަ އެރޭބިއަން ޕެނިންސިއުލާގައެވެ.
އަސްކަރީ ޖައްވީ ފަޅުވެރިންގެ ފުރަތަމަ ފައުޖަށް ނިސްބަތްވާ 20 މެމްބަރަކު މިހާރު ތިބީ ގަތަރުގެ އަލް-އުދެއިދު އެއާ ބޭސްގައި ކަމަށް ޚަބަރު ލިބެއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ 6 ވަނަ ގޮފީގެ ގޮތުގައި ދާދި ފަހުން ތައާރަފުކުރި ޔޫއެސް ސްޕޭސް ފޯސްއަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކަމަކަށް އިންތިހާއަށް ވަކާލާތު ކުރެއްވި މަޝްރޫއެކެވެ. މި ގޮތްޕަކީ، އެމެރިކާގެ އަސްކަރިއްޔާގެ 5 ވަނަ ގޮތްޕެއްގެ ގޮތުގައި 1947 ވަނަ އަހަރު އެއާ ފޯސް ނުބަތަ ވައިގެ އަސްކަރިއްޔާ އުފެއްދި ފަހުން، އެމެރިކާގެ ބިޔަ އަސްކަރިއްޔާއަށް އިތުރު ކުރި ފުރަތަމަ ގޮފިވެސްމެއެވެ.
ޔޫސް އެސް ސްޕޭސް ސްފޯސްގެ އަލް-އުދައިދު ބޭސްގައި ތިބި ފައުޖުގެ ޑައިރެކްޓާ ކާނަލް ޓޮޑް ބެންސަން ވިދާޅުވީ، ޖައްވުގައި ހަނގުރާމަ ކުރުމަށް އެހެން ގައުމުތަކުން ތައްޔާރުވަމުންދާތީ އެމެރިކާއަށް ފެންނަ ކަމަށެވެ. އެމެރިކާގެ ގައުމީ މަސްލަހު ރައްކާތެރި ކުރުމަށް ވާދަވެރި މާހައުލެއްގައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމުގެ ގާބިލިއްޔަތުކަން އެމެރިކާގައިވެސް އޮންނަންޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ ޖައްވީ އަސްކަރީ ފައުޖުން މިވަގުތު އުފުލާނެ މައިގަނޑު ޒިންމާއަކީ ސެޓެލައިޓްތައް އޮޕަރޭޓް ކުރުމާ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ޓްރެކް ކޮށް، ޖައްވީ ހަނގުރާމައަކުން ސަލާމަތްވުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ ޖައްވީ އަސްކަރީ ފައުޖުގެ މެމްބަރުންގެ އަދަދު 16000 އަށް އިތުރުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. 2021 ވަނަ އަހަރުގެ ބަޖެޓްގައި ޖައްވީ އަސްކަރީ ފައުޖަށް 15.4 ބިލިއަން ޑޮލަރު ކަނޑައަޅާފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
އަލް-އުދެއިދުގައި އެމެރިކާގެ ޖައްވީ އަސްކަރިއްޔާގެ ފުރަތަމަ ފައުޖުރު ގާއިމުކޮށްފައި މިވަނީ، އެމެރިކާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް އީރާނާއި އެމެރިކާގެ ނުތަނަވަސް ގުޅުމުގެ މަސްރަހު، އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.