ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށް ސާވޭއެއް ކުރަން ފަށައިފިއެވެ.
ޓްރޭޑް މިނިސްޓްރީން ބުނީ، ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާ ގުޅޭ ގޮތުން އެ މިނިސްްޓްރީގެ އީއައިއޭ ކޮންސަލްޓަންޓުން ޕްރޮޖެކްޓެއް ހިންގަމުންދާ ކަމަށާއި އެގޮތުން އާއްމުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ސާވޭއެއް ހިނގުމަށް ހަމަޖެހިފައިވާ ކަމަށް ޓްރޭޑުން ބުނެއެވެ.
އެ ސާވޭ އަކީ މާލޭގެ ޕޯޓުތަކުގައި ދެވޭ ހިދުމަތްތައް ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލެވިފައިވާ ގޮތާ މެދު ހިޔާލު ހޯދުމުގެ ގޮތުން ކުރެވޭ ސާވޭއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ ސާވޭގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ހިޔާލު ފާޅު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅީފަޅަށް ބަދަލުކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ގުޅީފަޅު ޕޯޓު 2023 ވަނަ އަހަރު ހުޅުވޭއިރު މާލޭ ކޮމާޝަލް ހާބަރާއި ނޯތު ހާބަރު އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދްމަތްތަކާއި މަސައްކަތްތައް އެސަރަޙައްދަށް ބަދަލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެހާތަނަށް މާލެ ވިލިމާލެ ގުޅީފަޅު ގުޅުވައިދޭ ބްރިޖްވެސް އެޅިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މަޝްރޫއުގެ ސަބަބުން ޕޯޓްގެ ޖާގަ ބޮޑުވެ، ހިދުމަތް އަވަސްވެ، މަސައްކަތްތަކަށް ފަސޭހަވުމުގެ އިތުރުން، ޖާގައިގެ ދަތިކަންކުރިމަތިވެފައިވާ މާލެއިން، އަލުން ތަރައްގީ ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް ޓްރޭޑުން ބުނެއެވެ. އެ ގޮތުން މި ސާވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ލިންކްގައި ހިމެނޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން ވަނީ ރާވައިފައެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ މި ސަރުކާރުންނެވެ. މި ސަރުކާރުން އެގޮތައް ނިންމުން ބަދަލު ކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ ތިމާވެށީގެ ގޮތުން ބަލާއިރު އެއީ ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށެވެ.
ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.