އިންޑިއާ ސަރުކާރުން މިއަދު ދިވެހިރާއްޖެއަށް ހަމަޖައްސާދިން 250 މިލިއަން ޑޮލަރުގެ މާލީ އެހީއަކީ، ޓްރެޝަރީ ބޮންޑް ވިޔަފާރި އުސޫލުން ހަމަޖައްސާދީފައިވާ އެހީއެއް ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް، އިންޑިއާ ސަރުކާރުން، ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިވެހިރާއްޖެއަށް ކަށަވަރުކޮށްދިނީ މިއަދުއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މި އެހީ ދިވެހިރާއްޖެއާ ހަވާލު ކޮށްފައި ވަނީ، އެކަމަށް ހާއްސަކޮށްގެން ދިވެހި ހާރިއްޖިއްޔާގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ. ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން މާލީ ވަޒީރު އިބްރާހީމް އަމީރާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފީގެ ސީއީއޯ ބާރަތު މިޝްރާވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އިންޑިއާ ސަރުކާރުން ސަޕޯޓްގެ ގޮތުގައި މި އެހީ ދިނުމަށް ހަމަޖެހިފައި ވާ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ކުރިއަށް ގެންދެވި ވާޗުއަލް ބައްދަލުވުމެއްގައެވެ. މި އެހީ ރާއްޖެއަށް ފޯރުކޮށްދެނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ވިޔަފާރި އުސޫލުން، 10 އަހަރު ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށެވެ. މި އެހީގެ ލޯނަކީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކޮށްފައިވާ ލޯނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އެހީއާއި ގުޅިގެން ދިވެހި ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، ދެ ގައުމުގެ ގުޅުމަކީ ހާއްސަ އިސްކަމެއް ދެވޭނެ ގުޅުމެއްކަން އިންޑިއާއިން ދައްކައިދެމުންދާ ކަމަށެވެ. މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް، އިންޑިއާގެ ހިތަކީ ދިވެހިންނަށްޓަކައި އަބަދުވެސް ހުޅުވާލެވިފައިވާނެ ހިތެއްކަން އެ ގައުމުން ސާބިތުކޮށްދީފައިވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މި މާލީ އެހީއަކީ އެސްބީއައި މެދުވެރިކޮށް ރާއްޖެ ވަންނަ އެހީއަކަށް ވާއިރު، މިއީ ރާއްޖެއިން ދަރަނީގެ ގޮތުގައި ނަގާ ފައިސާ ކަމުގައި ނުބެލެވޭނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ، އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިއާ ސަރުކާރުން ވަނީ، އެސްބީއައިގެ މި އެހީއަށް ސޮވްރިން ގެރެންޓީ ދޫކޮށްފައެވެ.

250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އެހީ ބޭނުން ކުރާނެ ވަކި އުސޫލުތަކެއް އިންޑިއާ ސަރުކާރުން ކަނޑައަޅާފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ އިގުތިސޯދަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމުގައި ގައުމަށް ފެންނަ ދާއިރާތަކަށް އިސްކަން ދީގެން، ގެއްލުންތައް ފޫބެއްދުމަށް މި ފައިސާ ހަރަދުކުރެވޭނެ އުސޫލެއް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ މި އެހީ ބޭނުން ކުރަށްވަނީ ދައުލަތުގެ އާމްދަނީއަށް އުނިވެފައިވާ ފަރަގު ފޫބެއްދުމަށް ކަމަށެވެ. އިންޑިއާގެ މި އެހީއަކީ އެއް ޑޯނަރެއްގެ ފަރާތުން މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެހީކަންވެސް ވަޒީރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މިއީ އިންޑިއާ ސަރުކާރުން މިފަދަ އެހީއެއް ގައުމަކަށް ހަމަޖައްސާދިން ފުރަތަމަ ފަހަރެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޕްރޮމޯޓް ކުރައްވާ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، ރާއްޖެއަށް މި އެހީ ހަމަޖެހިގެން ދިއުމުގައި، ދެ ގައުމުގެ ގާތް ގުޅުން، އިސް ދައުރެއް އަދާ ކުރާ ކަމަށް އިންޑިއާއިން ސިފަކުރެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި، އެކި ފަހަރު މަތިން، އެކި ގޮތް ގޮތުން އިންޑިއާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ދަނޑިވަޅަކީ، އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ކަނޑުމަގުން ކާގޯ ފެރީގެ ހިދުމަތް އަމަލީ ގޮތުން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެކެވެ.