އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭ 250 މިލިއަން އެމެރިކާ ޑޮލަރު އެޕްރޫވް ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާ އިން ދޭ 250 މިލިއަން ޑޮލަރު އެޕްރޫވް ކޮށްފައިވާ ކަން ހާމަކުރައްވާ މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސޮވެރިން ގެރެންޓީ ދޭނެ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
މަހުލޫފު މިވާހަކަ ހާމަ ކުރެއްވި އިރު ސަރުކާރުގެ ފިނޭންސް މިނިސްޓަރު މިކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ފޮރިން މިނިސްޓަރުވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިކަން ހާމަ ކުރައްވާފައި ވަނީ މިދިޔަ މަހު 13 ގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ.އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިއަހަރު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.
އަދި މިހާރުވެސް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި ވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައި ވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.
މީ ދަރަނި ދަންތުރަ އެއް ނޫންބާ.....؟ ގައުމުތަކުން ލޯނުނަގަނީ މަޝްރޫއެއް ހިންގަން އެ މަޝްރޫޢު ނިމުމުން އޭގެއިން ލޯނު ދައްކާ ޚަލާސް ކުރާގޮތަށެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގަޔާ ސިވިލް ސާވަންޓުންނަށް މުސާރަދޭކަށް އެއްވެސް ގައުމަކުން ލޯނެއް ނުނަގާނެއެވެ. އެކަމަކު މި ސަރުކާރަށް މިއީ ދަރަނި ދަންތުރައަކަށް ނުވެއެވެ އެއީ އިންޑިއާ އިން ނަގާތީ ޔޯލައެވެ.