މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިމާލެ އޭރިއާގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5 ޕަސަންޓަށްވުރެ ދަށް ދެ ހަފްތާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އިތުރަށް ތަފްސީލުކޮށް ދެއްވަމުން މައުސޫމް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރީ މީހުންގެ ނިސްބަތުން ޕޮޒިޓިވްވާ މީހުން 5 ޕަސަންޓަށް ވުރެ ދަށް އަދަދެއްގައި ވިދިވިދިގެން ހުރުމަކީ އެއީ ގެސްޓްހައުސް ހުޅުވޭނެ މިންގަނޑު ކަމަށެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

ގެސްޓްހައުސް ހުޅުވަން ހުއްދަ ދެވޭނީ ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ގެސްޓްހައުސްތަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން އެޕްރޫވް ކުރުމަށް ފަހުގައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.