ޕްރިންސިޕަލުން މަސައްކަތް ކުރާނެ ސްކޫލު ކަނޑައެޅުމާ ގުޅޭ އުސޫލު މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އާ އުސޫލާ ގުޅިގެން ޕްރިންސިޕަލުން ވަނީ އެކިފަހަރުމަތިން ކަންބޮޑުވުންތަކަށް އެ މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށެވެ.
އެގޮތުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ އުސޫލު މުރާޖައާކުރުމުގެ މަސައްކަތާއި، އުސޫލާ ގުޅިގެން ހަދާ ގަވާއިދު ހެދުމުގެ މަސައްކަތް ސްކޫލުތަކުގެ ބައިވެރިވުމާއެކު، ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
އަދި އެ އުސޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ދާނީ އުސޫލުގައިވާ ގޮތަށް، ގަވާއިދު އާއްމު ކުރުމަށް ފަހު އެއާ އެއްގޮތަށް ކަމަށެވެ.
ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލަށް ސްކޫލެއްގައި ހުންނެވޭނީ 4 އަހަރުގެ ދެ ދައުރުގެ 8 އަހަރުގެ ޓާމެއްގައެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެން ދާނީ އުސޫލާ އެއްގޮތަށް މަސައްކަތް ކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ހަތަރު އަހަރު ހަމަވުމުން ޕްރިންސިޕަލަކު ހުންނެވި ސްކޫލެއްގައި ހުންނެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވެވަޑައިގަންނަވަން ބޭނުންވާ ކަމުގައި ވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް 8 އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެކަމުގެ ސަބަބުން ސްކޫލްތަކުގެ ކުރިއެރުމަށް ކުރާނެ ބައެއް ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކުގައި ގާއިމު ކުރެވިފައިވާ ސްކޫލް ނެޓްވޯކް ތެރޭގައި ހިމެނޭ ހުރިހާ ސްކޫލްތަކަށްވެސް ޕްރިންސިޕަލުންގެ ހިންގުނެތެރި ވިސްނުމާއި އާ އީޖަދުތަކާއި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތުލިބި، ސްކޫލްތަކުގެ ހިންގުމުގެ ފެންވަރު މަތިވެ، އެ ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް އެ މިނިސްޓްރީން ބުނެފައި ވަނީ އެކަމުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށެވެ.
ދެން އަތްޕުޅު ޖައްސަވާ..