އައްޑޫ ސިޓީ ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ފާތުމަތު ފަރުހީޒާގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ވަނީ ފަރުހީޒާގެ ޖުމްލަ 21 މައްސަލައެއް ހުށަހަޅާފައެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖޭއެސްސީން ބުނީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވެ އެ ފަދަ މައްސަލައެއް އަމިއްލަ ފަރާތަކުން ހުށަހެޅިޔަސް އެކަން އެ ކޮމިޝަނުން އާންމު ނުކުރާނެ ކަމަށެވެ. މިވަގުތު އިސް މެޖިސްޓްރޭޓެއްގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އެފަދަ މައްސަލައެއް ޖޭއެސްސީއަށް ލިބިއްޖެ ނަމަ އެކަން ކޮމިޝަނުން ބެލުމަށްފަހު ސުލޫކީ މައްސަލައެއް ފެނިއްޖެ ނަމަ އެ ނިންމުން މީޑިއާ އަށް އާންމު ކުރާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ފާތުމަތު ފަރުހީޒާގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށެވެ. އަދި ކުރިން އޭނާއަކީ "ލޯ ކްރާފްޓު" ނަމަކަށް ކިޔާ ލޯ ފާމެއްގައި މަސައްކަތް ކުރަމުން ދިޔަ ވަކީލެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.
އެފަރާތުން ހުށަހެޅި 21 މައްސަލަިއގެ ތެރެއިން އެންމެ ފުރަތަމަ ހުށަހެޅި މައްސަލައަކީ އޭނާ ލޯ ކްރާފްޓުގައި އުޅުނު އިރު ބެލި މައްސަލައަކާ ގުޅުން ހުރި މައްސަލައެކެވެ. އެގޮތުން 2016 ވަނަ އަހަރު ލޯ ކްރާފްޓުގެ ދައުވާލިބޭ ފަރާތުގެ ވަކީލެއްގެ ހައިސިއްޔަތުން ފަރުހީޒާ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ވަކާލާތު ކުރައްވަމުން ދަނިކޮށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް އޭނާ ހަމަޖެހުނު ކަމަށާއި އެހެންކަމުން އޭރު ވަކާލާތު ކުރައްވަމުން ގެންދެވި ހުރިހާ މައްސަލަތަކަކުން ތަނާޒުލްވި ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ.
އެ މައްސަލަ އަކީ ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލަ އެކެވެ. އެ މައްސަލައިން ފަރުހީޒާ ތަނާޒުލުވުމުން އެ މައްސަލާގައި ފަހުން ވަކާލާތު ކުރެއްވީ ސ. ފޭދޫ ވެލިދޫގެ އަލީ ސައީދެވެ. އަދި އެ މައްސަލާގައި ވަކާލާތު ކުރެއްވި އަލީ ސައީދާ ތަފާތު އެކި ތަންތަނުން ފަރުހީޒާ ބައްދަލު ކުރައްވާފައި ވާ ކަމަށާއި އެއީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާނެ ކަމެއް ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ.
މިބާވަތުގެ ގިނަ ކަންތައްތަކާއެކު ޖުމަލް 21 މައްސަލައެއް ހުށަހަޅާފައިވާ އިރު ކޮންމެ މައްސަލައަކާ ގުޅޭ ގޮތުން ހެކިންގެ ގޮތުގައި ވެސް ގިނަ ބައެއްގެ ނަން ވަނީ އެ މައްސަލަ ހުށަހެޅި ފަރާތުން ހިމަނާފައެވެ.