ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަން ގާނޫނު އަސާސީއާ ހިލާފް ކަންކަން (ވެރިކަން ކުރާ ޕާޓީން) ކޮށްފާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީން ނެރެމުން އަންނަ "ހަބަރު ސިޓީ"ގެ 6 ވަނަ އަދަދުގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައިވާތީއެވެ.
އާދަމް ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު (އެމްޑީޕީއަށް) ކާމިޔާބު ނުވާނެކަން އެނގޭތީ އިންތިހާބު ނުބާއްވާ މި ދައުރުގެ ފަހުކޮޅު މަޖިލިސްގެ ސުޕަ މެޖޯރިޓީއާއި ބޭރުގެ ނުފޫޒާއެކު ބަރުލަމާނީ އަކަށް ވެރިކަން ފުރޮޅާލަފާނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފްކަންކަން ކޮށްފާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަފުޅުކަމެއް ނޫން ކަމަށާއި، ރައީސް ސޯލިހަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.