ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައިފިއެވެ.

ބީއެމްއެލުން ބުނީ، ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ވަނީ ކަނޑައެޅިފައެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފައެވެ. މި އަދަދުތައް ކަނޑައެޅިފައި ވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެއެވެ. އެއީ ދުވާލަކަށް 3000 ޑޮލަރެވެ.

ބީއެމްއެލުން ބުނީ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ވަގުތީ ލިމިޓެއް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބޭންކުން ވަނީ އެދިފައެވެ.

މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސަންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށާއި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ދުނިޔެވެސް ނުދެކޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ޑޮލަރު ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބޭންކުން ބުނީ، ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން ބޭންކުން ބުނީ ދާދި ފަހުން އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފައިވާ ނިންމުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ނިންމުމެއްކަމުގައި ވިޔަސް، ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.