100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ޅ. ނައިފަރަށް ތައާރަފު ކޮށްފިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރާ ފަރަތްތަކަށް ލިބޭނެ ކަމަށާއި މިހާރު ނައިފަރުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ސުޕަނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅި ބަދުލުވެ، އިންޓަނެޓަށް ބަރޯސާވެފައިވާ މިންވަރު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުން ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މަގްސަދެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ޅ. ނައިފަރުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނިޔާޒް ފާހަގަކުރެއްވެވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އުރީދޫން ވަނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އޮމަދޫ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޖުލައި 9 ވަނަ ދުވަހު ލ. މާމެންދޫއަށް ވެސް އުރީދޫ ސުޕަނެޓްގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ.