ނ. މަނަދޫގައި ކޮމިއުނިޓީ ސްޕްރެޑް އެއް އޮތްތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނަގަން ތައްޔާރު ވެއްޖެއެވެ.
ނ. އަތޮޅު ހޮސްޕިޓަލުން ބުނީ މަނަދޫއިން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަށަވަރު ކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ހަނަޖެހިފައިވާ ކަމަށެވެ.
އެގޮތުން 50 ސާމްޕަލެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މަނަދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. އެ ޕޮޒިޓިވްވި މީހާ އާ ގުޅިގެން ޖުމްލަ 26 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ.
މަނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ މާލެއިން އެ ރަށަށް ހޯމް ކަަރަންޓީނަށް ފޮނުވި ދިވެހި ފިރިހެނެކެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަނީ އެ ޕޮޒިޓިވް ވި މީހާގެ ނަތީޖާ ހަވާލުކުރަން ބެލިއިރު ދޯންޏެއްގައި މަހަށް ނުކުމެ ހުރުމުންނާއި ހުކުރު ނަމާދަށާއި އެ ރަށުގެ އެހެން ބައެއް ތަންތަނަށް ވެސް އެމީހާ ގޮސްފައި ވާތީއެވެ.
މިވަގުތު އެކްޓިވް ކޭސް، މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 25 ރަށަކުންނާއި، 32 ރިސޯޓަކުން ފެނިފައި ވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 21 ފަތުރުވެރި އަކާއި، އެކި ރިސޯޓްތަކުން 48 މުއައްޒަފަކު ހިމެނެއެވެ.
މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުން ދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.