ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 121 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ބަލިން އިތުރު 271 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 121 މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި 46 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 102 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 19 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9173 އަށް އަރާފައެވެ.

މިއަދު އިތުރު 271 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 7326 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1809 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 113 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 1087 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 9173 މީހުންގެ ތެރެއިން 32 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 25 ރަށަކުންނާއި، 32 ރިސޯޓަކުން ފެނިފައި ވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 21 ފަތުރުވެރި އަކާއި، 48 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުން ދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.