އއ. އުކުޅަހުގައި ހޯމް ކަރަންޓީން ވެގެން ހުއްޓާ ނިޔާވީ ހިތުގެ އަދި ފުއްޕާމޭގެ ބަލި މީހެކެވެ.

އުކުޅަހު ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ފިރާގު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނު ވެގެން ހުރި 66 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮވިޑް މަރެއް ކަމަކަށް ނުބެލެވޭ ކަމަށާއި، އެއީ ބަލި މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ އެ އަންހެން މީހާ ނިޔާވީ ނެވާ ލުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ބެލެވެ ކަމަށެވެ. އަދި މީގެ ދެ ދުވަސް ކުރިން ބޭސްފަރުވާއަށް މާލެއަށް ދިއުމަށް ފަހު އަނބުރާ އައިސް ކަރަންޓީނުގައި އޭނާ ހުރީ، މާލެއިން ވެސް ސާމްޕަލް ނަގާ ނެގެޓިވް ވުމުން ކަމަށެވެ.

އަދި މިވީ ދެ ދުވަހެއް ތެރޭގައި އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައި ނުވި ނަމަވެސް ނިޔާވުމުން އޮންނަ އުސޫލުގެ ތެރެއިން އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށް ފިރާގު މައުލޫމާތު ދެއްވައެވެ.

މިހާތަނަށް މިބައްޔަށް 9052 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، 32 މީހަކު ނިޔާވެ، 7055 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 1960 އެކްޓިވް ކޭސް އުޅޭއިރު، އޭގެ ތެރެއިން 116 މީހުން ހޮސްޕިޓަލުގައި ތިބި އިރު 908 މީހުން ތިބީ އައިސޮލޭޝަނުގައެވެ.

މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވި 6 މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެމީހުން ނިޔާވީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.