ނ މަނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާ ގުޅިގެން ޖުމްލަ 26 މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށް ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއީލް ޝަފީގު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެެއްވަމުން ޝަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ރެއާ ހަމައަށް 11 މީހަކު ފާހަގަ ކުރެވުނު ނަމަވެސް މިހާރު އެ އަދަދު 26 އަށް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހާ އާއެކު ކަރަންޓީނު ކުރި އެއްވެސް މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށާއި ކަރަންޓީނުގައި ބައެއް މީހުން މަނަދޫގެ ގެސްޓް ހައުސްތަކުގައި ތިބި އިރު އަނެއް ބަޔަކު ތިބީ އެމީހުންގެ އަމިއްލަ ގޭގައި ހޯމް ކަރަންޓީންގައި ކަމަށް ޝަފީގް ވިދާޅުވިއެވެ.

މަނަދޫ ހޯމް ކަރަންޓީންގައި ހުރި ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި ވަނީ އިއްޔެއެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 28 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 13 ޓޫރިސްޓަކާއި 42 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ކެލާ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫއާއި މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަމެވެ.