އުމުރުން 2 އަހަރު ނުފުރެ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކެޝޫ ނަޓް ކޮޅެއް ނަގައިފިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ، 2 އަހަރު ނުވާ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކެޝޫ ނަޓް ކޮޅެއް އެއްކޮށް ނަގާފައިވާ ކަމަށެވެ. އަދި ފުއްޕާމޭގެ ދެ ފަޅިން އެ ކެޝޫ ނަޓްގެ އެތިކޮޅުތައް އެއްކޮށް ނަގާފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހޮސްޕިޓަލަށް ދާ އިރު، ކުރިން ދިމާވެފައިވާ ކަންކަން ކިޔައިދިނުން މުހިންމު ކަމަށެވެ.

ދެ އަހަރު ނުވާ ކުޑަކުއްޖެއްގެ ފުއްޕާމެއިން ކެޝޫ ނަޓް ކޮޅެއް ނަގާފައި ވާއިރު، އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ކޮށިއަރައިގެން ނޭވާލާ ހޮޅިއަށާ ފުއްޕާމެއަށް އަދި ކާހޮޅިއަށްގޮސް ތަކެތި ތާށިވުން އަނެއްކާވެސް ގިނަވެފައިވާ ކަން ފާހަގަ ކުރައްވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ދުވުމާއި ބުރުގާ ޕިން އަނަގަޔަށް ލައިގެން ޕިން ޖެހުމާއި ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން ދުވުން ފަދަ ކަންކަން ކުރުން ކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރަކު ރާއްޖޭގެ ހޮސްޕިޓަލްތަކުން ވަނީ ޕިން އާއި ކުޅޭ ތަކެތި ދިރިގެން، އެ ތަކެތި ނެގުމަށް އޮޕަރޭޝަން ކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައީޖީއެމްއެޗް ގައި ވަނީ ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން އޮޕަރޭޝަނެއް ކޮށްގެން ލެގޯ ކޮޅެއް ނަގާ ފައެވެ. ނޮވެމްބަރު މަހު އައިޖީއެމްއެޗުން ވަނީ 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގާފައެވެ. މީގެ އިތުރުން މި އަހަރު ޖަނަވަރީ މަހު ވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގާފައެވެ.