ނ. މަނަދޫގެ އިތުރުން 2 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ މޮނިޓަރިންގައި އޮތް 3 ރަށަކީ، ގދ. ހޯޑެއްދޫއާއި ގދ. މަޑަވެލި އަދި ނ. މަނަދޫ ކަމަށެވެ.

މިއަދު އެ ރަށުގައި ހޯމް ކަރަންޓީންގައި ހުރި ދިވެހި ފިރިހެނަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ޕޮޒިޓިވް ވި މީހާ ހޯމް ކަރަންޓީންގައި ހުރި އިރު ގެއިން ބޭރަށް ގޮސްފައި ވާ ކަމަށެވެ.

މިކަމާ ގުޅިގެން އެ ރަށުގެ ކައުންސިލުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ޕޮޒިޓިވްވި ފަރާތާ ބައްދަލުވެފައިވާ ފަރާރްތައް ދެނެގަތުމަށް ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ސީދާ އެފަރާތް ހޯމް ކަރަންޓީންގައި ހުރެ ގެއިން ބޭރަށް ގޮސްފައިވާ ކަން ކައުންސިލަށް ޔަގީން ނުވާކަމަށް ބުނެއެވެ. އަދި އެ ކަންކަން ބަލަމުން ދަނީ އެޗްޕީއޭގެ ފަރާތުން ކަމަށް ކައުންސިލުން ބުނެއެވެ.

ގދ. ހޯޑެއްދޫ މޮނިޓަރީންގެ ހާލަތަށް ލާފައިވަނީ އެރަށު ހޯމް ކަރަންޓިންގައި ތިބި 4 މީހަކު މި މަހުގެ 3 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ޖެހިގެން އައި ދުވަހު އެ ކޭސްތަކާ ގުޅުމެއް ނެތް 2 ކޭސް އެއް ފެނުމާ ގުޅިގެންނެވެ. މިހާރު އެ ރަށުން ވަނީ ޖުމްލަ 38 ކޭސް ފެނިފައެވެ. އެގޮތުން ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އެ ރަށަކީ ކޯސްވޭ އަކުން ހޯޑެއްދޫއާ ގުޅިފައިވާ ރަށަކަށް ވެފައި އެ ދެރަށުގައި ތިބި މީހުން އެއްރަށުން އަނެއް ރަށަށް ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

މިއަދު ކޮވިޑަށް 90 މީހުން ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 32 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 78 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 12 މީހެކެވެ.

މިއަދު ކޮވިޑަށް ރަށްރަށުން ޕޮޒިޓިވް ވީ ފަރާތްތަކުގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭއިން އިން ބުނީ ހޯޑެއްދޫން އިތުރު ދެ ކޭސް ފެނިފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އަދި އެއީ އެ ރަށުން ޕޮޒިޓިވްވި މީޙުންގެ ކޮންޓެކްޓުންގެ ތެރެއިން ފެނިފައިވާ މީޙުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ތ. ވޭމަނޑޫއިން 54 އަހަރުގެ އަންހެނަކާއި ދުވާފަރުން 23 އަހަރުގެ އަންހެނަކާއި ޅ. ނައިފަރުން ބަންގްލަދޭޝް ފިރިހެނަކު ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 28 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 13 ޓޫރިސްޓަކާއި 42 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ކެލާ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫއާއި މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އެވެ.