މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީގެ އިއުލާނެއްގައި ބުނީ އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ކައުންސިލްގެ 13 މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ. އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލާނީ މީޑިއާ ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 6 މެންބަރުން ކަމަށް އެ އިއުލާންގައި ބުނެއެވެ.

އެގޮތުން މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށް އެ ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށާއި އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރު ކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ކައުންސިލް މެންބަރަށް ކުރިމަތިލާން ހުޅުވާލާފައި ވީނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް ހޯމް މިނިސްޓްރީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

  • ދިވެހިރައްޔިތަކު ކަމުގައިވުން.
  • އުމުރުން 18 އަހަރު އަހަރު ފުރިފައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި ، އަހްލާގު ރަނގަޅު މީހެއްކަމުގައިވުން.
  • ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުންޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އެ މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީގެ ވެބްސައިޓްގައިވާ، "ޖަދުވަލު 1 :މީޑިއާ ކައުންސިލް އިންތިހާބުގައިމެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގެ އީމެއިލް [email protected] އަށް ހުށަހެޅުމަށް ހޯމް މިނިސްޓްރީން ބުނެއެވެ.