ގދ. ހޯޑެއްދޫން މިއަދު އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 38 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެމުން ބުނީ، އެ ރަށުން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެއީ އުމުރުން 18 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި އެ ދެމީހުންނަކީ ކޮންޓެކްޓުންގެ ތެރެއިން ޓެސްޓު ކުރި މީހުންގެ ތެރެއިން މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ އެ ރަށުންގެ ފުރަބަންދުގައި ތިބި 4 މީހުންނެވެ. ފުރަބަންދު 4 ކޭސްއަށް ފަހު މި މަހުގެ 4 ވަނަ ދުވަހު އިތުރު 2 ކޭސް ވަނީ ފެނިފައެވެ. އެ ކޭސްތަކާ ގުޅިގެން 36 ކޮންޓެކްޓުން ވަނީ ފެނިފައެވެ.

ހަމައެއާއެކު އެ ކޮންޓެކްޓުންގެ ތެރެއިން އަލާމަތްތައް ހުރި މީހުން ޓެސްޓު ކުރި އިރު މި މަހުގެ 5 ވަނަ ދުވަހު އިތުރު 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެމީހުންނާ ގުޅުން ހުރި 111 ކޮންޓެކްޓުން ފެނިފައިވާ އިރު އޭގެތެރެއިން 63 މީހެއްގެ ގައިގާ ބަލީގެ އަލާމަތްތައް ހުރި ކަމަށް ވަނީ އެޗްޕީއޭއިން ބުނެފައެވެ.

މީގެ އިތުރުން އެ ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމާއެކު މި މަހުގެ 8 ވަނަ ދުވަހު ވަނީ އިތުރު 10 ކޭސް ފެނިފައެވެ. އޭގެ ފަހުން މި މަހުގެ 9 ވަނަ ދުވަހު އިތުރު އެއްކޭސް ފެނި އޭރުގެ ޖުމްލަ އަދަދު ވަނީ 36 އަށް އަރާފައެވެ.

މިހާރު އެކްޓިވް ކޭސްތައް ތިބި ރަށްރަށުގެ ތެރެއިން ގދ. މަޑަވެލި އަދި ހޯޑެއްދޫ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.