މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލް އަކަށް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހަމަޖައްސާ މަގާމުގު ރަސްމީ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަސްމީ ލިޔުން ހަވާލު ކޮށްފައި ވަނީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ނާޝިދަށް އެގްޒެކެޓާ ހަވާލު ކުރުމަށް ފަހު މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ މޮރޮކޯއާއި ރާއްޖެއާ ދެމެދު މިހާރަށް ވުރެ ގާތް ގުޅުމެއް ބާއްވަން ނާޝިދު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެގޮތުން ޓޫރިޒަމާއި ވިޔަފާރީގެ ގޮތުން ގުޅުން ރަނގަޅު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އޮނަރަރީ ކޮންސިލުން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމެވެ. އޮނަރަރީ ކޮންސުލް ކަނޑައެޅުމުގައި ދިވެހި ސަރުކާރުގެ އަދި ފޮރިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެއެވެ.