ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަފްތާގައި ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަށް ވުރެއް ކޮންމެވެސް ވަރަކަށް ދަށްވެފައި ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ދަނީ އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުގައި ކަމަށެވެ. އެފަދަ ނަތީޖާއެއް ލިބިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނަށް ސަމާލުކަން ދީ އެ ގައިޑްލައިންތަކަށް އާންމު ރައްޔިތުން އަމަލު ކުރަމުންދާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާ ހިސާބަށް އާދެވުނީ ރައްޔިތުންނާއި އަދި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ ހުރިހާ ފަރާތްތަކެއް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. ޕޮޒިިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަަކަށް ދަށްވި ނަމަވެސް މިހާރު އާންމު ރައްޔިތުން ކުރައްވަމުން ގެންދަވާ ކަންކަމަށް ފަރުވާ ކުޑަ ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ވޭތުވެ ދިޔަ ހަފްތާގެ ކޮވިޑް ކޭސްތަކަށް ބަލާއިރު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 93 މީހުންނެވެ. އިއްޔެ 74 މީހުން ޕޮޒިޓިވްވެފައިވާ އިރު މިމަހުގެ 7 ވަނަ ދުވަހު ޕޮޒިޓިވްވީ 83 މީހުންނެވެ. ހަމައެއާއެކު މިމަހުގެ 6 ވަނަ ދުވަހު 98 މީހުން، މި މަހުގެ 5 ވަނަ ދުވަހު 125 މީހުން، މި މަހުގެ 4 ވަނަ ދުވަހު 80 މީހުން، އަދި މި މަހުގެ 3 ވަނަ ދުވަހު 141 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުޖންގެ އަދަދު 5 ދުވަހެއްގައި ވަނީ100 އިން ދަށަށް ގޮސްފައެވެ.