މިއަދު އިތުރު އެކަކު ހޯޑެއްދޫން ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިއަދު ގއ. ހޯޑެއ1ްދޫން އިތުރު ކޭސްއެއް ފެނިފައިވާ ކަމަށެެވެ. އެހެންކަމުން މިހާރު އެ ރަށުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 36 އަށް އަރާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ އެ ރަށުންގެ ފުރަބަންދުގައި ތިބި 4 މީހުންނެވެ. ފުރަބަންދު 4 ކޭސްއަށް ފަހު މި މަހުގެ 4 ވަނަ ދުވަހު އިތުރު 2 ކޭސް ވަނީ ފެނިފައެވެ. އެ ކޭސްތަކާ ގުޅިގެން 36 ކޮންޓެކްޓުން ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ހަމައެއާއެކު އެ ކޮންޓެކްޓުންގެ ތެރެއިން އަލާމަތްތައް ހުރި މީހުން ޓެސްޓު ކުރި އިރު މި މަހުގެ 5 ވަނަ ދުވަހު އިތުރު 19 މީހަކު ވަނީ ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެމީހުންނާ ގުޅުން ހުރި 111 ކޮންޓެކްޓުން ފެނިފައިވާ ކަމަށާއި އޭގެތެރެއިން 63 މީހެއްގެ ގައިގާ ބަލީގެ އަލާމަތްތައް ހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެ ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމާއެކު އިއްޔެ ވަނީ އިތުރު 10 ކޭސް ފެނިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 25 ރަށަކާއި 21 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 17 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.
މިހާރު އެކްޓިވް ކޭސްތައް ތިބި ރަށްރަށުގެ ތެރެއިން ގދ. މަޑަވެލި އަދި ހޯޑެއްދޫ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.