ރާއްޖެއިން އިތުރު 93 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، މިއަދު ބަލިން އިތުރު 131 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 93 މީހުންގެ ތެރޭގައި ހިމެނެނީ 67 ދިވެހިންނާއި 26 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 7 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8834 އަށް އަރާފައެވެ.

މިއަދު އިތުރު 131 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6288 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2509 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފައރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 1034 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 8834 މީހުންގެ ތެރެއިން 31 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މިއަދު އިތުރު މީހަކު މަރުވެފައި ވާއިރު، މި މަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3 އަކަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 25 ރަށަކާއި 21 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 17 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.