ކޮވިޑް-19އަށް ޕޮޒިޓިވްވެ ކޮވިޑް ފެސިލިޓީއެއްގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެ، ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ މަރުވި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ މިއަދު އިރުއޮއްސި 6:24 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 30 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏ އެއާއެކު މި މަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2 އަކަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 74 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 63 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 11 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8741 އަށް އަރާފައެވެ. އޭގެ ތެރެއިން 6157 މީހަކު ރަނގަޅުވެފައި ވާއިރު، ހޮސްޕިޓަލިގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 139 އަށް ވަނީ އަރާފައެވެ.

މާލޭގެ އިތުރުން މިހާރު ކޮވިޑް ފެތުރެމުން ދަނީ ގދ. ހޯޑެއްދޫގައެވެ. އެ ރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް އަރާފައި ވާއިރު، އެ ރަށުން ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހެއްގެ ހާލު ސީރިއަސްވެ ގއ. ވިލިނގިލީގައި ގާއިމު ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލު ކޮށްފައި ވަނީ ރޭގައެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި މިހާތަނަށް އެންމެ ގިނައިން މަރުވެފައި ވަނީވެސް އުމުރުން ދުވަސްވީ މީހުންނެވެ.