ކޮވިޑަށް ފަރުވާދިނުމަށް ގާއިމް ކޮށްފައިވާ ފެސިލިޓީއެއްގައި އިން އަންހެނަކަށް އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީއަކު ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި މައެއްސައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މާލޭ ސިޓީގެ ކަރަންޓީން ފެސިލިޓީއެއްގައި އިން 26 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އާދިއްތަ ދިވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާފައި ވަނީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލައާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ހާދިސާ ހިނގިކަން އެންގި ދުވަހު އެ ބިދޭސީ މީހާ ވަޒީފާއިން ވަކިކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާދިޔަ ގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން އެ އަންހެން މީހާ ބުނީ އެ ހާދިސާ ހިނގާފައި ވަނީ މާލެ ސިޓީގެ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ގެންގޮސް އިންދާ ކަމަށެވެ.

"ފުރަތަމަ ދުވަހު އެ ބިދޭސީ މީހާ އައީ އާއިލާ މީހުން ފޮނުވި ފޮށިގަނޑެއް ހިފައިގެން. އައިސް އޭގާ ހުރީ ކޯއްޗެއްތޯ އެހުމަށް ފަހު ކޮޓަރިއަށް ވަނީ. ނިކުންނަށް ވަރަށް ރީތި ކަމަށާއި އެރޭ އޭނާ އާއެކު ނިދަން ބޭނުންވާ ކަމަށް ބުނި"
އަންހެން މީހާ

އެއީ މީހާކާ އިނދެގެން އުޅޭ މީހެއް ކަމަށާއި އޭނާ ކޮޓަރިން ނިކުތުމަށް ތަކުރާރުކޮށް އެދުމުންވެސް އެމީހާ ނުކުންނަށް ދެކޮޅު ހެދި ކަމަށް އޭނާ ކިޔައިދިނެވެ. އެޗްޕީއޭއަށް ގުޅާނެ ކަމަށާއި މައްސަލަ ޖައްސާނެ ކަމަށް ބުނުމުންވެސް ދާން ދެކޮޅު ހެދުމުން، ކޮވިޑަށް ޕޮޒިޓިވް ވެދާނެ ކަމަށް ބުނެވެސް ނިކުންނަން އެދުމުން، ބިރު ނުގަންނަ ކަމަށް އެ ބިދޭސީ މީހާ ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ އެ ރޭ އެތަނުން ދިޔައީ ފޯނު ނަންބަރު ދޭނެ ކަމަށް ބުނުމުން ކަމަށާއި އޭނާ ދިއުމުން ރިސެޕްޝަންގައި ތިބި ކުދިންނަށް ގުޅާ އެ ބިދޭސީ މީހާ އެއްވެސް އެއްޗެއް ހިފައިގެން އެ ރޫމްއަށް ނުފޮނުވުމަށް އެދިފައި ވާނެ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އޭނާ ގުޅުމުން ނަންބަރު ބްލޮކްކޮށްލި ކަމަށްވެސް އެ އަންހެންމީހާ ކިޔައިދިނެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު އަނެއްކާވެސް އާއިލާއިން ފޮނުވި ފޮށިގަނޑު ހިފައިން އައީ ހަމަ އޭނާ ކަމަށާއި، ބަހައްޓާފައި ދިއުމަށް އެދުމުން، އޭނާ ގަދަކަމުން ކޮޓަރިއަށް ވަދެ ބެހެން އުޅުނު ކަމަށެވެ. އެ ދުވަހު އެޗްޕީއޭ އަށާއި ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް އޭނާ ކިޔައިދިނެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން ހަދާފައިވާ ކަރަންޓީން ފެސިލިޓީތަކުގައި މީގެ ކުރިންވެސް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ހިނގާފައެވެ. އަދި އެފަދަ މައްސަލަ ތަކުގައި މީހުންވެސް ހައްޔަރުކޮށްފައި ވެއެވެ.