ކޮވިޑް-19 އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ )އިން ދޫކުރެވިފައިވާ ލޯނުތަކަށް ދެވިފައިވާ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށް މިއަދުން ފެށިގެން ލުޔަށް އެދެވޭ ގޮތް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޮރެޓޯރިއަމްގެ މުއްދަތު ސެޕްޓެމްބަރު މަހުން ފެށިގެން 4 މަސްދުވަހަށް އިތުރުކޮށް، މިއަދުން ފެށިގެން އެހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ އެކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯޓަލްއިން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހެވެ. އެތާރީހާއި ހަމައަށް މޮރެޓޯރިއަމްއަށް އެދި ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ހިދުމަތް ބޭނުންނުވާ ކަމުގައި ކަމަށާއި އަދި އެލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ސެޕްޓެމްބަރު 2020 އިން ފެށިގެން ދައްކާނެ ކަމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މޮރެޓޯރިއަމްއަށް އެދުމާއި ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން ވަނީ އިތުރުކޮށްދީފައެވެ.