ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޮށްފިއެވެ.

ލެޓާޖޭ އޮޕަރޭޝަނަކީ ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ.

އެ ހޮސްޕިޓަލުން ބުނީ ލެޓާޖޭ އޮޕަރޭޝަން ކޮށްފައި ވަނީ ކަށީގެ ބަލިތަކަށް ހާއްސަ ޑރ. އާޒިމް އަހުމަދު ކަމަށެވެ. އަދި އޮޕަރޭޝަން ކާމިޔާބު ވެފައިވާ ކަމަށް ވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަނަކީ ކަށީގެ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް އޮޕަރޭޝަން ކަމަށްވެސް ބުނެއެވެ. އަދި އެ އޮޕަރޭޝަން ކުރެވުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޮޕަރޭޝަން ކޮށްފައި ވާ މީހާއަކީ އުމުރުން 70 އަހަރުގެ މީހެކެވެ. އަދިި އެމީހާއަކީ 30 ފަހަރެއްގެ މަތިން ކޮނޑުހުޅު ނެއްޓިފައިވާ މީހެކެވެ.

ޑރ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މީގެ ކުރިން ވެސް ވަނީ ކާމިޔާބު ކަމާއެކު އެތައް އޮޕަރޭޝަން ތަކެއް ކޮށްފައެވެ.