ގދ. ހޯޑެއްދޫން މިއަދު އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައި ވަނީ 5 އަންހެނުންނާއި 5 ފިރިހެނުން ކަމަށެވެ. އަންހެނުންގެ ތެރޭގައި ހިމެނެނީ 13 އަހަރުގެ ކުޑަ ކުއްޖަކާއި 19 އަހަރުގެ ދެ މީހަކާއި 62 އަހަރުގެ މީހެއްގެ އިތުރުން 67 އަހަރުގެ މީހެއް ކަމަށް އެޗްޕީއޭން މައުލޫމާތު ދެއެވެ.

ފިރިހެނުންގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ ކުޑަ ކުއްޖަކާއި 28 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްގެ އިތުރުން 67 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނެކެވެ.

މިއަދު ޕޮޒިޓިވްވި 10 މީހުންނާއެކު ޖުމްލަ އަދަދު 35 އަށް އަރާފައި ވާއިރު އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި 33 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލި ސީރިއަސްވެ ގއ. ވިލިނގިލީގައި ގާއިމު ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލު ކޮށްފިއި ވަނީ މިރޭއެވެ.

ހޯޑެއްދޫއާއި މަޑަވެލިން 147 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މަޑަވެލިން 61 ސާމްޕަލާއި ހޯޑެއްދޫން 86 ސާމްޕަލް ކަމަށް އެޗްޕީއޭން ރޭ ވަނީ ބުނެފައެވެ.

މިމަހުގެ 4 ވަނަ ދުވަހު ފުރަބަންދާ ގުޅިގެން ހޯޑެއްދޫން ކޮވިޑްގެ 2 ކޭސް ފެނި، މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު އިތުރު 19 ކޭސް ވަނީ ފެނިފައެވެ. ހޯޑެއްދޫން ރޭއާ ހަމައަށް ފެނުނު 21 ކޭސްއާ ގުޅިގެން 111 ފަރާތެއް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށްވެސް އެޗްޕީއޭން ރޭ ވަނީ ހާމަކޮށްފައެވެ.

އެމީހުންގެ ތެރެއިން ބަލީގެ އަލާމަތް ހުރި 60 ފަރާތެއް ހިމެނޭ ކަމަށާއި އުމުރުން 50 އަހަރުން މަތީގެ 6 ފަރާތަކާއި އަދި އެއް އަހަރުން ދަށުގެ 2 ކުދިން ހިމެނޭ ކަމަށްވެސް އެޗްޕީއޭން މައުލޫމާތު ދީފައި ވެއެވެ.

މިހާތަނަށް އައިއިރު މި ހުރިހާ ކޮންޓެކްޓުން ވަނީ ކަރަންޓިން ކުރެވިފައެވެ. އަދި އެ ދެ ރަށަށް ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.