ގދ. މާދަވެލި އަދި ހޯޑެއްދޫން ނެގި ސާމްޕަލްގެ ތެރެއިން 13 ސާމްޕަލގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބި 147 ސާމްޕަލް އެބަހުރި ކަމަށް އެޒްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ކޮވިޑަށް ޓެސްޓު ކުރި ސާމްޕަލްގެ ތެރެއިން ގދ. މާދަވެލި އަދި ހޯޑެއްދޫން 13 ސާމްޕަލް އެއް ވަނީ ޓެސްޓު ކުރެވިފައި ކަަމަށާއި އެ 13 ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ހޯޑެއްދޫއާއި މަޑަވެލިން 147 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތައް ހުރީ ޕެންޑިންގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ސާމްޕަލްތައް މިއަދު މާލެ ގެނެވި އައިޖީއެމްއެޗް ލެބޯޓްރީއަށް ގެންދެވިފައިވާ ކަަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

147 ސާމަޕްލަގެ ތެރޭގައި ހިމެނެނީ މަޑަވެލިން 61 ސާމްޕަލާއި ހޯޑެއްދޫން 86 ސާމްޕަލް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ ތެރޭގައި ބަލީގެ އަލާމަތްތައް ހުރި މީހުންނާއި ކޮންޓެކްޓްވީ މީހުންނާއި އަދި އެކްޓިވް ސާވޭލަންސްގެ ގޮތުގައި އެ ރަށުގެ ރެސްޓޯރަންޓް ކެފޭ އަދި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދި ހެލްތް ސެންޓަރުގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުން ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މަޑަވެލީގައި އެކްޓިވް ސާވައިލަންސްގެ ގޮތުގައި 51 ސާމްޕަލްއާއި ބަލީގެ އަލާމާތްތައްހުރި 10 ފަރާތެއްގެ ސާމްޕަލް ވަނީ ނެގިފައި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މި ސާމްޕަލްތަކުގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ 4 ވަނަ ދުވަހު ފުރަބަންދާ ގުޅިގެން ހޯޑެއްދޫން ކޮވިޑްގެ 2 ކޭސް ފެނި، މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު އިތުރު 19 ކޭސް ވަނީ ފެނިފައެވެ. ހޯޑެއްދޫން ފެނުނު 21 ކޭސްއާ ގުޅިގެން މިހާރު 111 ފަރާތެއް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައެވެ.

އެމީހުންގެ ތެރެއިން ބަލީގެ އަލާމަތް ހުރި 60 ފަރާތެއް ހިމެނެއެވެ. އަދި އުމުރުން 50 އަހަރުން މަތީގެ 6 ފަރާތަކާއި އަދި އެއް އަހަރުން ދަށުގެ 2 ކުދިން ހިމެނެއެވެ. މިހާތަނަށް އައިއިރު މި ހުރިހާ ކޮންޓެކްޓުން ވަނީ ކަރަންޓިން ކުރެވިފައެވެ. އަދި އެ ދެ ރަށަށް ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.