ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ގިނަ ތަންތަނަށް އެއްވެ އުޅުން މަދުކޮށް ކޮފީތަކުގައި ތިބޭ ވަގުތު މަދުކުރަން ޖެހޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން އަށް އަމަލު ކުރުން ކަމަށެވެ.

ކޮވިޑަށް ވެކްސިނެއް ލިބުމާ ހަމައަށް ގައިޑްލައިންއަށް އަމަލު ކޮށްގެން ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ދިގު ކުއްދަތަކަށް ކޮންޓްރޯކް ކުރެވޭނީ އެންގުންތަކާއި އެއްގޮތަށް އަމަލުތަށް ބެހެއްޓިގެން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ކުޑަކުދިން ގޮވައިގެން ބޭރަށް ދިޔަޔަސް ކޮންޓެކްޓް ބަބުލް ކުޑަ ކުރާށޭ، އެހާ ކްރައުޑެޑް ތަނަކަށް ވެއްޖެއްޔާ ނުދާށޭ، ކްރައުޑެޑް ނޫން ގަޑިއެއް ބަލާފަ ކުދިން ގޮވައިގެން ދާށޭ، ރެސްޓޯރެންޓަކަށް ދިޔަޔަސް ބަލާށޭ، މީހުން މަދު ތަނަކަށް ދާން، އެހާ ކްލޯޒް ސްޕޭސަސްގަ ސޯޝަލައިޒް ނުކުރާށޭ، ކޮފީ އަކަށް ދިޔަސް، އެހާ ގިނަ އިރު ގިނަ މީހުން އެއް ތަނެއްގަ ނުތިބެ ވާނެ ގޮތެއް ހެދުމަށް އޯނާސްވެސް އެންކަރޭޖް ކޮށްދޭށޭ.
ޑރ. ޝީނާ

މާސްކް އެޅުމަކީ ކުރަން މަޖުބޫރު ކަމަކަށް ހެދުމުން އަތް ދޮންނަން ބައެއް ފަހަރު ހަންދާން ނެތިފައިވާ ކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބަލާ ދިރިއުޅުމުގެ އާދަ ތަކާއި މަސައްކަތުގެ އާދަތަކަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

އަދި އޮފީސްތަކާއި ވިޔަފާރި ހިންގާ މީހުން އެޗްޕީއޭގެ ގައިޑްލައިން ތަކާ އެއްގޮތަށް އަމަލު ކޮށްގެން ނޫނީ ދިގު މުައްދަތަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި އެ ބަދަލު ލައިފް ސްޓައިލަށް ގެނެސްގެން ކޮންޓްރޯލް ކުރެވޭނެ ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ. އެހެން ނޫން ނަމަ ދުވަސް ދުވަސް ކޮޅުން ކޮވިޑް ކޭސްތަށް އިތުރު ވެ، އަނެއްކާވެސް ރެސްޓްރިކްޝަން އަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ ކުޑަކުދިން ގޮވައިގެން ބޭރަށް ދިޔަޔަސް ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާއި މީހުން އެހާ ގިނަ ތަންތަނަށް ނުދިއުމަށެވެ. ރެސްޓޯރަންޓަކަށް ދާނަމަވެސް މީހުން މަދު ތަނަކަށް ދިއުމަށާއި އިޖުތިމާއީ ގައިދުކަމާއެކު މަދު ވަގުތު، އެ ތަނެއްގައި ހޭދަ ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަރުދީގޮތުން އަދާކުރަން ޖެހޭ ޒިންމާ މުހިންމު ކަމަށާއި ކޮވިޑް-19 ހުއްޓުވަން ފިޔަވަޅު އަޅާނީ އެޗްޕީއޭ އިން ބުނެގެން ކަމަށް ނަހަދާ އަމިއްލައަށް އަޅާ ފިޔަވަޅަކަށް ހެދުމަށް ޑރ. ޝީނާ މޫސާ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.