ގދ. މަޑަވެލިން ކޮވިޑް-19 އަށް ޓެސްޓު ކުރަން ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ސިއްހީ މަރުކަޒުގެ ވެރިޔާ ހުޝާމް ހާޝިމް ވިދާޅުވީ ގދ. ތިނަދޫ އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލާއި އެރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ ގުޅިގެން ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުގެ ޓީމެއް މަޑަވެއްޔަށް ގޮސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި މިހާރުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން ސާމްޕަލް ނަގަން ހަމަޖެހިފައިވަނީ ކިތައް މީހުންގެ ކަން ސީދާ ދަންނަވަން ދަތިކަމަށާއި މިހާތަނަށް ނަގާފައިވާ އަދަދުވެސް މިވަގުތު އެނގި ނުލައްވާ ކަމަށާއި މިހާތަނަށް އެ ރަށުގެ އެއްވެސް މީހެއްގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިގެން ރިޕޯޓުކޮށްފައި ނުވާކަމަށް ހުޝާމް ވިދާޅުވިއެވެ.

މޮނިޓަރިންއަށް ލާފައިވާ މަޑަވެލީގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު، މަޑަވެއްޔާއި ގުޅިފައި އޮތް ގއ. ހޯޑެއްދޫ އިން އިއްޔެ ވަނީ 19 މީހަކު ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުގައި ގަދައަށް ބަލި ފެތުރެމުންދާއިރު، ހޯޑެއްދޫގައި ވެސް ބަލި ފެތުރުމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2629 މީހެކެވެ. އޭގެ ތެރެއިން 168 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1235 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8486 އަށް އަރާފައި ވާއިރު އޭގެތެރެއިން 5822 މީހުން ރަނގަޅުވެ، 29 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައިވައިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.