ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިންނާ ސުވާލު ކުރުމަށް ރައްޔިތުން މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހުމަދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

ހައިތަމް ފޮނުވާފައިވާ ސިޓީގައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ދަނީ ގިނަ ޝަކުވާތަސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުން ކަމަށާއި އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްޔިތުން ފާހަގަކުރައްވާ ޝަކުވާތަކަށް ބީއެމްއެލްއިން އެއްވެސް ވަރަކަށްއެ ރައްޔިތުންނަށް ޖަވާބުދާރީވާތަން ފެނިފައި ނުވާ ކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމުގައި ދެކިލައްވާ ކަމަށް ހައިތަމްގެ ސިޓީގައި ފާހަގަ ކުރައްވާފައި ވާއިރު، ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް، ބީއެމްއެލްގެ ވެރިންރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށްވެސް އެދިލައްފާދައި ވެއެވެ.

ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ހުއްދައަށް އެދިފައި ވާއިރު، ގޮތް ނޭނގޭ އީމެއިލް ތަކުގެ ސަބަބުން ބީއެމްއެލް އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިއަދު ބުނެފައެވެ. މިއަފު އެފަދަ ހާދިސާއެއް ހިނގާފައިވާއިރު، މީގެ ކުރިން ބީއެމްއެލްގެ ބައެއް އެކައުންޓްތަކުން ދެފަރަށް އެއް ޓްރާންސެކްޝަނުން ރުފިޔާ ކެނޑިފައިވާ މައްސަލައެއްވެސް ފެންމަތިވެފައެވެ.