"އާއްމުކޮށް އެ ބޭފުޅުން ބޭނުންވާ ކަންތައްތައް ޑިލޭވެގެން ދާތީ ނުވަތަ އެ ބޭފުޅުންނަށް އުނދަނގޫވާ ކަންތައްތަކެއް ހުންނާތީ ކޯލް ސެންޓަރަށް ގުޅާފައި އެ ނަގާ ކުއްޖަކާ ދިމާލަށް، އަޅުގަނޑާ ދިމާލަށް ވެސް ވަރަށް ހުތުރު ބަހުން ވާހަކަދައްކާފައި ހުންނާނެ. މައިންބަފައިންނާ ބެހި ދެން ސެކްޝުއަލް ހެރެސްމެންޓް، އެކަހަލަ ގޮތަށް ވެސް ވާހަކަދައްކާ."

މިއީ ރާއްޖޭގައި ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން މާރޗް މަހު ގާއިމްކުރި ކޮވިޑް ހޮޓްލައިން "1676"ގެ މަސައްކަތް ފެށުނީއްސުރެ، އެ ކޯލް ސެންޓަރުގައި އުޅެމުން އަންނަ ފާތުމަތު އާދަމް (އަސްލު ނަމެއް ނޫން) އާއި އެތަނުގައި މަސއްކަތް ކުރާ އެހެން މީހުންނަށް ކޮންމެ ދުވަހަކު، އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކަ އެވެ.

ދުވާލެއްގެ މައްޗަށް 2000 އަކަށް ފޯނުކޯލް މިހާރުވެސް ކޮވިޑް ކޯލްސެންޓަރަށް އާދެ އެވެ. އޭގެ ތެރެއިން ގިނަ ކޯލްތައް ކުރަނީ ކަންކަމާ ހިތްހަމަނުޖެހިގެންނެވެ. އާއްމު މީހުންނާ ގުޅުން ހުރި ކަންކަން ނުވުމުން، ނޫނީ ލަސްވުމުން އެކަމުގެ ޝަކުވާ ކުރަން ގުޅާ މީހާގެ އުދާސްތައް ބަންޑުންކޮށްލާއިރު، ހިތާމަޔަކީ ފޯނު ކޯލުގެ އަނެއްކޮޅުގައި، ރައްޔިތުންގެ ހިދުމަތުގައި ކެތްތެރިވެލައިގެން ތިބި މީހުންނަށް ކުރާނެ އިހުސާސްތައް ނޭނގޭ ދަރަޖަ އަށް އާންމު ބައެއް ފަރުދުންގެ އަމަލުތައް ގޮސްފައިވާ ކަމެވެ.

ކޯލް ސެންޓަރުގެ ހިދުމަތްތެރިންނަށް ކޮންމެ ދުވަހަކު ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަދަބެއް އިޚުތިރާމެއް ނެތި މުއާމަލާތު ކުރާ މީހުންކަން ފާތުންގެ ވާހަކައިން އެނގެ އެވެ.

ކޯލް ސެންޓަރު ތެރެ / ފޮޓޯ: އެޗްއީއޯސީ

ޚާއްސަކޮށް އަންހެނުންނަށް ބޭއަދަބީ އަދި ބަދުއަޚުލާގީ ބަސްތައް ރައްދުކުރުން އޮންނަނީ ބައެއް މީހުންގެ އާދައަކަށް ވެފައެވެ.

"އާއްމު ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލަން ގުޅާ ތަނަކަށް އޮންނަނީ ވެފައި. ވަރަށް ރުޅިއައިސްގެން ގުޅާ މީހުން ގިނައީ، ކަންކަން ނުވެގެން ނޫނީ ޑިލޭވެގެންދާތީވެ، ގުޅާލާފައި ވަރަށް އެއްޗެހި ކިޔާލާނެ. ކޮންމެ ގޮތެއްވިޔަސް އެޖެންޓެއް ވިއްޔާ ނަން ވެސް ބުނަން ޖެހޭ،"
ފާތުން (އަސްލު ނަމެއް ނޫން)

ގޭގައި ތިބެގެން ކޯލް ސެންޓަރަށް ގުޅާއިރު، އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މީހުން އުފުލަނީ ކިހާ ބުރަ ޒިންމާއެއްކަން ތަސައްވުރު ނުކުރެވިދާނެއެވެ. ނަމަވެސް ހަގީގަތުއި، އެއިން ކޮންމެ މީހަކު ވެސް ލޯބިވާ އާއިލާ އާއި، ރަހުމަތްތެރިންނާ ދުރުގައި އެތައް ވަގުތެއް ހޭދަކުރަނީ، އާއްމުންގެ ހައްގުގަ އެވެ.

ފާތުންގެ ވާހަކައަށް ބަލާ ނަމަ، އޭނާކޮވިޑް ކޯލް ސެންޓަރުގައި މަސައްކަތް ކުރަން އަންނަނީ 1 އަހަރުގެ ތުއްތު ދަރިފުޅު، އޭނާގެ ފިރިމީހާގެ ގާތުގައި ބަހައްޓާފަ އެވެ. އެއީ ކުޑަކުޑަ ނުވަތަ އާދައިގެ ނިންމުމެއް ނޫނެވެ.

ކަންދިމާކުރި ގޮތުން ކޮވިޑް ކޯލް ސެންޓަރުގެ މަސައްކަތް ފުރަތަމަ ފެށި އިރު، ރެ އާއި ދުވާލު އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ނަތީޖާ އަކަށްވީ ފާތުންއަށް، ތުއްތު ދަރިފުޅާއި ދުރުވުމުގެ ހިތްދަތި އިހުސާސްތައް ތަޖުރިބާ ކުރަން ޖެހުމެވެ. އެވާހަކަތައް މީޑިއާއާ ހިއްސާ ކުރީ އަސަރާ އެކުގަ އެވެ.

ގިނަ ވަގުތު ކޯލް ސެންޓަރުގައި އުޅެފައި ފާތުން ގެއަށް ދިޔުމުން ދަރިފުޅުގެ ދުލުން "މަންމާ"އޭ ބުނެލާ އަޑ ނީވޭ ވަރަށް، އޭނާގެ ދަރިފުޅު ބީރައްޓެހިވި އެވެ. މަޔެއްގެ ލަނގޮޑިއަށް އެކަމުން ކުރާނެ އަސަރު ހިތަށް ގެންނާނީ ކިހިނެއްތޯއެވެ؟

"ގެއަށް ވަންނަ އިރަށް ގޮވާލާނެ ބައްޕީއޭ ކިޔާފައި. އަބަދު ބައްޕި ފެންނާތީވެ. އެއީ އެއްވެސް ފެމިލީއަކާ އެއްކޮށްނެއް ނޫން އުޅެނީ. ހަމަ ދެ މީހުން ވަކީން އުޅެނީ. އެކަމާ ވެސް ކުޑަކޮށް އުނދަނގޫ ވެފައި ހުރީ،"
ފާތުން (އަސްލު ނަމެއް ނޫން)

މިއީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެންމެ އަންހެން ކުއްޖެއްގެ ޤުރުބާނީގެ ވާހަކަ އެވެ. ލޯބިވާ އަނބިދަރިންނާއި، ފިރިންނާއި، ރަހުމަތްތެރިން ލޮލަށް ފެންނާނެ ވަގުތު ނުވެ، ރޭގަނޑެއް ދުވާލެއް ނެތި މިތަނުގައި މަސައްކަތް ކުރާ މީހުންގެ އޮތީ އެންމެ އަޒުމެކެވެ: ސައްހަކަމާ އެކު ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. ސައްހަ މައުލޫމާތު އެއްކޮށް، ކަމާ ގުޅޭ އިދާރާތަކަށް، ހަލުވިކަމާ އެކު ފޯރުކޮށްދިނުމެވެ.

ކޯލް ސެންޓަރުގެ މަސައްކަތްތަކުގެ ތެރޭގައި، ވަގުތުން ވަގުތަށް ފުރިހަމަކުރަން ޖެހޭ އެތައް މަރުހަލާތަކެއް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރަން ޖެހުމަކީ ބުރަ ކަމެކެވެ. ހިންދެމިލާނެ ވަގުތުކޮޅެއް ވެސް ނުލިބި އެ މަސައްތުގައ ޝާމިލްވާ މީހުންނަށް، އެންމެ ކުޑަ މިނުން އާންމުންގެ އިހުތިރާމް ލިބެން ޖެހޭނެ އެވެ.

ކޯލް ސެންޓަރުގެ ބައެއް ހިތި ތަޖުރިބާތަކަށް ފަހު، އެކުގައި މަސައްކަތް ކުރާ އެންމެންގެ ފަރާތުން ފާތުން އާންމުންގެ ކިބައިން އެދެނީ ވެސް ރިވެތި ބަހުން މުއާމަލާތު ކުރުމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ދަތީގައިކަން ކޮންމެ ބޭފުޅަކު ވެސް ތިބީ. އެކަމަކު ވެސް އެގޮތަށް، ކޯލް ސެންޓަރުގައި ތިބޭ ކުދިންނާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާށޭ. އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް،"
ފާތުން (އަސްލު ނަމެއް ނޫން)

ކޯލް ސެންޓަރ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، އަބްދުﷲ އަޒްމީންގެ ވާހަކައިން އެނގެނީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މީހުންނަށް ކަސްޓަމަރުންގެ ފަރާތުން ދިމާވާ ރުޅިވެރިކަމަކީ، އެ ކުދިންނަށް ދިމާވާ ނޭއްގާނީ ކަންކަމުގެ ވަރަށް ކުޑަ މިންވަރެއްކަމެވެ. ބައެއް މީހުން މަގުތަމަތިން ހޯދާނެ ކަމުގެ އިންޒާރު ދިނުމަކީ ބިރެކެވެ. ކޯލް ސެންޓަރުގެ އެޖެންޓުންނާއި އާއިލާ މީހުންނަށް ހިތްދަތި މަރެއް ލެއްވުމަށް އެދި ބަދުދުއާ ކުރުން ފަދަ ރަހުމު ނެތް އެތައް ކަމެއް ވެސް ހިނގާފައި އެބަ ހުއްޓެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވެސް ގިނަ އެވެ.

"ވަރަށް ހަޑި ހުތުރުބަހުން، ބަދު ދުއާކުރުން ފަދަ ކަންކަން އެބަ ކުރައްވާ. ބައެއް ފަހަރު އެޖެންޓުން ހަމަ ވަރަށް ދެރަވެގެން ރޯން ވެސް ރޮއެ އަޅުގަނޑުމެން ކައިރީގައި. އަޅުގަޑުމެން ވެސް މިތާގައި މިތިބެނީ ހުރިހާ ކޯލްތަކަށް އެޓެންޑްވާން،"
އަޒްމީން

ކޯލް ސެންޓަރުގައި ސުޕަރވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބިޝާރާ އަހުމަދު ވިދާޅުވީ ހަޑިހުތުރު ބަހުން މުއާމަލާތުކުރުން ފަދަ ނޭދެވޭ ކަންކަން ތަކުރާރުކޮށް ދިމާވާތީ ރިވެތި ބަހުން މުއާމަލާތުކުކުރަން އެދުމުން ވެސް ގުޅާ ބައެއް މީހުން އެގޮތަށް ވާހަކަދައްކާ ނަމަ، ކޯލް ކުރިއަށް ނުގެންދިއުމުގެ އިހުތިޔާރު ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެޖެންޓުންނަށް ދީފައިވާ ކަމަށެވެ.

ކޯލް ސެންޓަރުގައި ސުޕަރވައިޒަރު ބިޝާރާ އަހުމަދު / ފޮޓޯ: އެޗްއީއޯސީ

އެފަދަ ކޯލްތަކުން އެޖެންޓަށް ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަކުރުމަށް އެ އެޖެންޓުނަށް ބްރޭކްއެއް ވެސް ދެ އެވެ. އެޖެންޓުންނަށް ބޭނުންވާ އެހެން ސަޕޯޓް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާދީފައިވާ ކަން ބިޝާރާ ފާހަގަކުރެއްވި އެވެ.

"މިހާރު އާއްމުކޮށް ޖަވާބުދޭން އުނދަނގޫ ގުޅާ ފަރާތުން ވާހަކަތައްކާ ގޮތުން މެންޓަލީ ޑިސްޓަރބް ވާކަހަލަ ލެވެލް އަށް ދާ ކޯލްސް، ނޯމަލީ ހަމައަންނާނެ ޝިފެޓެއްގައި މިސާލަކަށް ފަހެއް ނުވަތަ ހައެއްކަ ކޯލް ވެސް އެކަހަލަ. ދެން ބައެއް ފަރާތްތަކަކީ ކިތަންމެ ވަރަކަށް އަންޑަސްޓޭންޑްކޮށްދޭން ކިޔައިދިން ކަމުގައި ވިޔަސް، އަޑު އަހަން ބޭނުން ނުވާ ފަރާތްތައް،"
ބިޝާރާ

އިމަޖެންސީއެއްގައި މުޅި ގައުމު އޮތް އިރު، ހުރިހާ ކަމެއް ދާނީ ބަރާބަރަށް، އެންމެ ފުރިހަމަކޮށެއް ނޫނެވެ. އެހެންކަމުން އާންމުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވި ހިނގައިދާނެ އެވެ. އެކަމަކު އާންމު ރައްޔިތުންގެ ހިދުމަތުގައި ތިބި މީހުންގެ އަގު ވަޒަންކުރުމަކީ ވެސް، ތަހުޒީބީ ގޮތެކެވެ. ކޯލް ސެންޓަރަކީ، ދިވެހިންގެ އެ ތަހުޒީބު ވަޒަންކޮށްލެވޭނެ ތަނެކެވެ. އެނގޭ އެއްޗަކީ، ބައެއް ފަރުދުންގެ އަމަލްތައް ހުރީ މި ޒަމާނުގެ ހޭލުންތެރިކަމާ އެއް ފެންވަރެއްގައި ނޫން ކަމެވެ. ގުރުބާނީއެއް ވެގެން ޚިދުމަތް ދޭން ތިބޭ މީހުންނަށް އެންމެ ކުޑަވެގެން، ރީތި ބަހުން މުއާމަލާތްކުރުމަކީ، ޝުކުރުގެ ބަހެއް ފަދަ އަމަލެއްކަން ޔަގީނެވެ.