ލޯންޗެއް ގެއްލި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އއ. އަތުރުގާގެ ފަޅުގައި އަޅާފައިވާ އޮތް ލޯންޗެއްގެ ނަގިލީގެ ވާގަނޑު ކަނޑައިގެން ގޮސް އެ ސަރަހައްދުގެ ކަނޑަށް ގެއްލިފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރޭ ފަތިހު 04:39ގައި ކަމަލިބިފައިވާ ކަމަށެވެ.

އެގޮތުން ގެއްލިފައިވާ ލޯންޗަކީ 25 ފޫޓުގެ ވޯޓާ ސްޕޯޓްސް ލޯންޗެއް ކަމަށާއި މި ލޯންޗަކީ 125 އެޗްޕީ މާކިއުރީ އިންޖީނެއް އަޅާފައިވާ ލޯންޗެއްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ މިހާތަނަށް އައިރު ރަޖިސްޓްރީކޮށްގެން ބޭނުންކުރާ ލޯންޗެއް ނޫންކަމަށެވެ.

އެ ލޯންޗު ގެއްލިގެން ހޯދަމުން މިދަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން މޫސުމާބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާއްޖެގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިނަކީ 6–- 9 ފޫޓު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.